މޯލްޑިވްސް ޕޮލިޓެކްނިކްގެ އަމާޒަކީ ފަންނީ ހުނަރުވެރިން އުފެއްދުމުގައި ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ އިންސްޓިޓިއުޓަކަށް ވުންކަމަށް އެ އިންސްޓިޓިއުޓްގެ ސީއީއޯ އަޙްމަދު ނާޞިރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން މިއަހަރު ފަށާ ކޯސްތަކުގެ އޮރިއެންޓޭޝަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ އިންސްޓިޓީއުޓްގެ އައު ސީއީއޯ އަޙްމަދު ނާޞިރު ވިދާޅުވީ ޢިލްމު އުނގެނުމަށް ކުރާ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށެވެ. ޕޮލިޓެކްނިކްގެ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކަވަމުން ނާޞިރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ އިންސްޓިޓިއުޓްގެ ފެންވަރު ރަނގަޅުކޮށް، ފަންނީ ހުނަރުވެރިން އުފެއްދުމުގައި ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ އިންސްޓިޓިއުޓަކަށް ވުމަކީ އަމާޒެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަންގެ މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ އައު އަހަރެއް ފެށިގެންދާއިރު މަސައްކަތްކުރަންވާނީ ވަކި އަޒުމަކާއެކުގައި ކަމަށެވެ. އަދި ކިޔަވައި ނިމިގެން މަސައްކަތުގެ މައިދާނަށް ނުކުންނަ މީހެއްގެ ކިބައިގައި ހުރުން އެންމެ މުހިންމު އެއް ކަމަކީ ރިވެތި އަޙްލާގު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ ޚިދުމަތްތަކަށް ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޒަމާނާ އެއްގޮތައް އެތަނަށްވެސް ބަދަލުތައް ގެންނަންޖެހޭކަމަށެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް އެދާއިރާއަކުން ސީދާގޮތެއްގައި ފަންނީ ތަމްރީނުދިނުމަށް ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާއެކެވެ. ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާއާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު އޮންނަ ޕޮލިޓެކްނިކުން އެކިދާއިރާތަކުން ދަނީ ފަންނީ ތައުލީމު އުނގަންނައިދެމުންނެވެ.