ޚަބަރު

ފުއްޕާމެއާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗްގައި ހުޅުވައިފި


ފުއްޕާމެއާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ ޚާއްޞަ މަރުކަޒެއް އައިޖީއެމް ހޮސްޕިޓަލްގައި ހުޅުވައިފިއެވެ. މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ އެ ހޮސްޕިޓަލުގެ ގަވަނިންގ ބޯޑުގެ ޗެއާމަން ޑރ.އަބްދުލް އަޒީޒް ޔޫސުފެވެ.

އައިޖީއެމް ހޮސްޕިޓަލުންދޭ ފަރުވާ އިތުރުކޮށް އެހޮސްޕިޓަލުންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެދަށުން މިއަދު އެ ހޮސްޕިޓަލުގައި ހުޅުވި ފުއްޕާމެއާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ ޚާއްޞަ މަރުކަޒުގައިވަނީ ގިނަ ބަލިތަކަށް ފަރުވާދޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ނޭވާލާ ނިޒާމުގެ ބަލިތައް ނުވަތަ ގައިންގަޔަށް އަރާ ބަލިތަކަށް ފަރުވާދިނުމަށް ޤާއިމްކުރި މަރުކަޒާ ގުޅޭގޮތުން މިސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި ޑރ.މޫސާ ޙުސައިން ވިދާޅުވީ އެތަން ފަރުމާކޮށްފައިވަނީ އޯޕަންކޮށް ހުޅުވާލާފައިވާ އޭރިއާއެއްވެސް ހިމަނައިގެން ކަމަށެވެ. އެގޮތުން އެސަރަޙައްދު އޯޕަންކޮށް ބޭއްވުމުގެ ބޭނުމަކީ ވީހާވެސް ބޮޑަށް އިންފެކްޝަންތައް ކޮންޓްރޯލް ކުރުން ކަމަށެވެ.

"މި ޔުނިޓްގެ ބޭނުމަކީ ވަކި އޭރިއާއަކުން މިކަހަލަ މީހުން ބަލި މީހުންނަށް ފަރުވާދިނުން. އެއީ އެހެން މީހުންނާއި މިކްސް ނުކޮށް. ދެން ބޮޑަށް މިތަނުގައި މި ފަރުވާ ދެވެމުންދަނީ ޓީބީ. ނުވަތަ އިންފްލުއެންޒާ އެކަހަލަ ބަލިތައް ޖެހިފައި ހުންނަ މީހުންނަށް." ޑރ. މޫސަ ވިދާޅުވިއެވެ.

މިއަދު ޤާއިމް ކުރި ސެންޓަރުގައި ހިމެނޭ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުން އޮޕަރޭޝަންކުރާ ތިއޭޓަރާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެތިއޭޓަރުގައި ޤާއިމްކޮށްފައިވާ އެންމެ ޒަމާނީ ފެންވަރުގެ އާލާތްތައް ބޭނުންކޮށްގެ ފުއްޕާމޭގެ އެކިކަހަލަ ސާޖަރީތަކާއި އެކަމާގުޅުންހުރި ތަފާތު ޕްރޮސީޖާސްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"މިސާލަކަށް ފަހުގެ މިހުންނަ ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ އެންޑްރޮބްލޮންކިލް ބަޔޮސިސް ތްރޮކްޓަޕިސް އެހެންނޫނީ ފުއްޕާމޭގެ އޮޕަރޭޝަންކޮށްގެން ޓިއުބް ލައްވައިގެން ކަންތައްވެސް އިންނާނެ." އޭނާ ވިދާޅުވިއެވެ.

އައިޖީއެމްގައި ނޭވާލާ ނިޒާމުގެ ބަލި މީހުންނަށް ޚާއްޞަކޮށް ތަރައްޤީކުރި އޯޕީޑީން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވަބާއިން ދުރުވުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ. އޭގެ ބޭނުމެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވީ ނޭވާލާ ނިޒާމުގެ ގިނަ ބަލިތަކަކީ ދުންފަތުގެ އިސްތިއުމާލް ކުރުމުންޖެހޭ ބަލިތައް ކަމަށްވާތީ އެކަން ކޮންޓްރޯލް ކުރެވިއްޖެނަމަ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހޭ މީހުންގެ ޢަދަދު މަދުކުރެވޭނެތީ ކަމަށެވެ.

"ނޭވާލާ ނިޒާމުގެ ގިނަ ބައްޔަކީ ދުންފަތުގެ ސަބަބުންޖެހޭ ބައްޔަކަށް ވާތީ، އަޅުގަނޑުމެން ވަރަށް ބޮޑަށް ޕްރޮވެންޝަންއަށް ދާން ބޭނުން. އެވާގޮތަކީ އަޅުގަނޑުމެން މިސާލަކަށް މީހަކަށް ސިނގިރޭޓް ބޮވުން ނުވަތަ ދުންފަތާއި ދުރުވުމަށް އެހީވެދެވިއްޖެނަމަ، މީގެ ބަލިތައް ޖެހޭލެއް މަދުވެގެންދޭ." ޑރ. މޫސަ ވިދާޅުވިއެވެ.

މިއަދު އިފްތިތާޙުކުރި ސެންޓަރަކީ ކުރިން އިންޓާނަލް މެޑިސިންއާއެކު ވަކި ޑިވިޝަނެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެކެވެ. އެއާއެކު އައިޖީއެމްއެޗުން ވިދާޅުވީ ފުއްޕާމެއާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަކޮށްގެން މިއަދު ޚިދުމަތް ދޭންފެށި ސެންޓަރަކީ އިންޓާނަލް މެޑިސިންއާއެކު ވަކިޑިވިޝަނެއްގެ ގޮތުގައި މީގެކުރިންވެސް ޚިދުމަތް ދެމުން ގެންދިޔަ ތަނެއް ކަމަށެވެ.