ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުން، މި މުބާރާތުގައި މުޅިން އަލަށް ވާދަކުރި ކްލަބް އެމްޓީސީސީން ޖާގަ ހޯދިއިރު، ލަޔަންސް ރެކްރިއޭޝަން ކްލަބް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބްވެސް ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ބުދަ ދުވަހު ކުރިއަށްދިޔައިރު، ސެމީގެ ފުރަތަމަ މެޗުގައި ވަރުގަދަ އެޗްޑީސީގެ މައްޗަށް އެމްޓީސީސީން ކުރިހޯދީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީން ވަނީ އިތުބާރާއެކު ކުޅެ 25-20 އިން ސެޓު ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި އެމްޓީސީސީން ވަނީ ވާދަވެރި ކުޅުމަކަށްފަހު 21-25 އިން ސެޓު ގެންގޮސްފައެވެ. މެޗުގެ ތިންވަނަ ސެޓުގައި އެޗްޑީސީގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެއާއެކު މި ސެޓު އެމްޓީސީސީން ގެންދިޔައީ 25-18 އިންނެވެ. މެޗުގެ ހަތަރުވަނަ ސެޓުގެ ބޮޑުބައި އެޗްޑީސީން ލީޑުކޮށްގެން ކުޅުނު ނަމަވެސް ސެޓުގެ ފަހުކޮޅު އެޗްޑީސީން ހެދި ގޯސްތަކާއެކު މި ސެޓު އެމްޓީސީސީން ގެންދިޔައީ 21-25 އިންނެވެ.
މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލު ދެވަނަ މެޗުގައި ސިފައިން ނުކުތީ ލަޔަންސްއާ ދެކޮޅަށެވެ. މި މެޗު ސިފައިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ސިފައިންގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގާ މި ސެޓު ލަޔަންސް އިން ކާމިޔާބުކުރީ 25-19 އިންނެވެ. ޖެހިގެން އައި ދެވަނަ ސެޓުގައި ސިފައިން ވަނީ ކުޅުން ރަނގަޅުކޮށް އެ ޓީމު ކޮޅަށް ސެޓު އަނބުރާލައިފައެވެ.
މި ސެޓު ސިފައިން ގެންދިޔައީ 25-23 އިންނެވެ. ތިންވަނަ ސެޓުގައި ލަޔަންސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސިފައިން ކާމިޔާބުކުރީ 25-19 އިންނެވެ. މެޗުގެ ހަތަރުވަނަ ސެޓު ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ސެޓުގައި ސިފައިންގެ ތަފާތަކަށްވީ ތަޖުރިބާކާރު ކުޅުންތެރިންނެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-23 އިންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރެޔެވެ.