ޚަބަރު

ތަޢުލީމީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއް ކުރާނީ މި ސަރުކާރުން - ނާއިބުރައީސް


ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް އެހެން އެއްވެސް ސަރުކާރަކުން ހޭދަ ނުކުރާ ވަރަށް މި ސަރުކާރުން ހޭދަ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެއްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމަޒަކީ ތަޢުލީމީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރުން ކަމަށެވެ. އެގޮތުން މުދައްރިސުން ބިނާކުރުމާއި، ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ސްކޫލްތަކަށް ފޯރުކޮށްދޭނެކެމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާ ފައިހަމަކޮށްލެވޭ ނިޒާމަކަށް ހެއްދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

"
"ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އެއްހަމައެއްގައި ރާއްޖެއިން ތަޢުލީމުދިނުން. އަދި މި އަމާޒަށް ވާސިލުވުމަށް މީގެކުރީގެ ސަރުކާރުން ދުވަހަކުވެސް ހޭދަ ނުކުރާވަރަށް މި ސަރުކާރުން ހޭދަކުރާނަން. ޓީޗަރުންނާއި ވަސީލަތްތައްވެސް ހޯދާނަން."
ނައިބްރައީސް ފައިޞަލް ވިދާޅުވިއެވެ.

ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ދަރިވަރުންނަކީ ސިއްޙަތު ރަނގަޅު ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. މިއީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ކުދިން ތަޢުލީމަށްދޭ ސަމާލުކަން އިތުރުކުރެވޭނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބްރައީސްވަނީ ދިރާސީ އައު އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުން ކުރަމުންގެންދާ މަސައްކަތްތައް ބަލައިގަނެ، ރަނގަޅު ނަތީޖާއަކާއި ހަމައަށް ދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެގޮތުން ކޮންމެ ކުއްޖެގެވެސް އަޒުމަކަށް ވާންވާނީ ތަޢުލީމީ ޖީލެއް ބިނާކޮށް ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ދަރިވަރަކަށް ވުންކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

މިއަދު ފެށި ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 25 ސްކޫލެއްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފަށާފައިވެއެވެ.