ޚަބަރު

އާސަންދަ މެދުކެނޑުނީ ޓެކްނިކަލް މައްސަލައަކުން


ރޭ ފަތިހު 5 އިން ފެށިގެން ހެނދުނު 11 އާ ދެމެދު އާސަންދައިގެ ޚިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށާ، އެމައްސަލަ ހައްލުކޮށްފައިވާކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

ރޭ ފަތިހު 5 އިން ފެށިގެން ހެނދުނު 11 އާ ދެމެދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވަނީ އާސަންދަ ޙިދުމަތް މެދުކެނޑިފައެވެ. އެއާއެކު ސިއްޙީ ޚިދުމަތް ހޯދުމުގައި ބައެއް މީހުންނަށް ފައިސާ ދައްކަން ޖެހިފައިވެއެވެ. މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އާސަންދަ ކުންފުނިން ވިދާޅުވީ ފައިސާ ދައްކައިގެން ޚިދުމަތް ހޯދި މީހުންނާމެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އާސަންދަ ކުންފުނިން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެކަމަށެވެ. އަދި ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެނަަމަ ޚިދުމަތް ދެވޭނެ އުސޫލުތައް ކަނޑައަޅައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަވަސް ފުރުސަތެއްގައި މައުލޫމާތު ދެއްވާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.