ކުޅިވަރު

ޔޫރަޕުގެ ޑްރީމް ޓީމުގައި އިނގިރޭސި އެކަކު ވެސް ނެތް


ޔޫރަޕުގެ މިދިޔަ އަހަރުގެ ޑްރީމް ޓީމުގައި އިނގިރޭސި އެއްވެސް ކުޅުންތެރިއަކު ނުހިމެނި ހިނގައްޖެ އެވެ.

ޔޫއޭފާއިން އިއުލާނުކުރި ގަދަ 11 ކުޅުންތެރިންގެ ތެރޭގައި އިނގިރޭސި ކުޅުންތެރިއަކު ނުހިމެނުނުއިރު އިނގިރޭސިންނަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި ގައުމެވެ. ނަމަވެސް އިނގިރޭސި ލީގުގެ ތިން ކުޅުންތެރިއަކު ޑްރީމް ޓީމުގައި ހިމެނުނެވެ.

އެއީ ޗެލްސީގެ ދެ މިޑްފީލްޑަރުން ކަމަށްވާ ބެލްޖިއަމްގެ އެޑެން ހަޒާޑާއި ވޯލްޑް ކަޕް ތަށި ހޯދި ފްރާންސްގެ ކާންޓޭ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނު ލިވަޕޫލްގެ ނެދަލޭންޑްސް ޑިފެންޑަރު ވާޖިން ވެންޑައިކެވެ.

މި ޓީމުގެ ކީޕަރުކަން ލިބުނީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އަށެވެ. ކުލަބުގައި މޮޅަށް ކުޅުނަސް އޭނާ އިނީ ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން ކެޓި ޖަރުމަނުގެ ބެންޗުގަ އެވެ.

ޑްރީމް ޓީމުގެ ޑިފެންޑަރުންގެ ގޮތުގައި ނަގާފައިވަނީ ވެންޑައިކާއެކު ރެއާލް މެޑްރިޑުގެ ތިން ކުޅުންތެރިންނެވެ. ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އުފުލާލި ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއާއެކު ދެން ނަގާފައިވަނީ ބްރެޒިލްގެ ވާތުބެކް މާސެލޯ އާއި ފްރާންސްގެ ރަފޭލް ވަރާނެވެ.

ރެއާލްއިން މި ޓީމުގައި ދެން ހިމެނުނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރޮއޭޝިޔާ ކެޕްޓަން ލޫކާ މޮޑްރިޗާއި ޕޮޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި ސީޒަން ފެށުމުގެ ކުރިން ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯއާއެކު ފޯވަޑުންގެ ގޮތުގައި ތިބީ ބާސެލޯނާގެ އާޖެންޓީނާ ކެޕްޓަން ލަޔޮނަލް މެސީ އާއި ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ޒުވާން ފޯވަޑް ކޭލިއަން އެމްބާޕޭ އެވެ. އޭނާ އަކި ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ.