ކުޅިވަރު

ރަމްސޭ ޔުވެންޓަސައަށް!


އާސެނަލްގެ މިޑްފިލްޑަރު އާޔަން ރަމްސޭ ޔުވެންޓަސްއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

5 އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން އޭނާ ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވީ 36 މިލިއަން ޕައުންޑުގެ އަގަކަށެވެ. މި އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފްތާއަކު އެއްލައްކަ ސާޅީސްހާސް ޕައުންޑު ލިބޭނެއެވެ.

އާސެނަލްއިން ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހު ރަމްސޭއާއިއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރި ނަމަވެސް، މިސީޒަން ނިންމާލުމައްފަހު އޭނާ ޔުވެންޓަސް އާއި ގުޅޭނެކަމަށް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.
ކާޑިފް އިން އާސެނަލްއަށް ބަދަލުވެ އެކުލަބުގައި ދިހަ އަހަރު ކުޅުމައްފަހު ރަމްސޭ ކުލަބު ބަދަލުކުރާއިރު، ބޮޑެތި ގިނަ ކުލަބުތަކަކުން އަންނަނީ އަދިވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.
ރަމްސޭގެ ނިންމުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އާސެނަލްގެ ކޯޗް އުނޭ އެމެރީވެސް ވަނީ އޭނާގެ ނިންމުމަށް ފުރިހަމައަށް އިހުތިރާމް ކުރާކަމަށް ބުނެފައެވެ. އެމެރީ ބުނީ، ކޮންމެ ކުޅުންތެރިއަކަށްވެސް އެކުޅުންތެރިއެއްގެ މުސްތަގުބަލާމެދު ގޮތް ނިންމުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށެވެ. އަދި ރަމްސޭއަކީ އޭނާ ހިތްހަމަ ޖެހޭފަދަ ކުޅުންތެރިއެއް ކަމަށާއި، ނަމަވެސް ރަމްސޭގެ ކުރިމަގާއިމެދު އޭނާ ފުރިހަމައަށް އިހުތިރާމް ކުރާކަމަށެވެ.

ރަމްސޭ ވަނީ އާސެނަލްއަށް 52 ގޯލު ޖަހައިދިނުމުގެ އިތުރުން އެފްއޭ ކަޕް ތިންފަހަރު ކާމިޔާބުކޮށްފައެވެ.