ޚަބަރު

އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާކުރައްވައިފި


އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާ ކުރުމާ ގުޅޭ ގޮތުން އައްޑޫސިޓީ ކައުންސިލާއެކު ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު މަޝްވަރާ ކުރައްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު ޓުއަރިޒަމް މިނިސްޓަރ މި މަޝްވަރާތައް ކުރައްވާފައިވަނީ އެމަނިކުފާނު، އައްޑޫ ސިޓީއާއި އާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މިއަދި އައްޑޫ ސިޓީއަށް ވަޑައިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު މިނިސްޓަރ ބޭއްވެވި މި ބައްދަލު ވުމުގައި، ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް މިނިސްޓަަރާއި ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާ ކުރުމަށް އެއަރޕޯޓު ޓާމިނަލް އިތުރަށް ތަރައްޤީ ކުރަން ޖެހިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އައްޑޫއަށް ސަފާރީ ތަކުގައި އަންނަ ފަތުރުވެރިންގެ ކަންކަން ވެސް ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މިނިސްޓަރ ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން ކޮންމެ އަތޮޅެއްގައިވެސް ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރެއްވުމުގެ ވިސްނުން ސަރުކާރުގެ ހުރިކަން ފާހަގަ ކުރައްވާ އައްޑޫގައިވެސް ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރެއްވުމާ ގުޅޭގޮތުން މިނިސްޓަރ ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ހަންކެޑެ ސަރަހައްދު ތަރައްޤީ ކުރުމަށް ފަށާފައިވާ ޕޮރޮޖެކްޓާމެދު ވަކި ގޮތެއް ވަރަށް އަވަހަށް ނިންމަވާނެ ކަމުގެ އިޝާރާތެއްވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.

އައްޑޫސިޓީއަށް ޓުއަރިޒަމް މިނިސްޓަރ ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިވެރިންނާއި ބައްދަލު ކުރެއްވުމާއި، އައްޑޫ ސިޓީގެ ފަތުރުވެރިކަމާގުޅޭ ތަންތަނަށް ޒިޔާރަށް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވވެ.