ޚަބަރު

ސޫދާންގައި ކުރަމުންދާ މުޒާހަރާތަކުގެ ރައްދުގައި މުޒާހަރާކުރާނެކަމަށް އަލްބަޝީރު ވިދާޅުވެއްޖެ


ސޫދާންގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ރައްދުދިނުމުގެ ގޮތުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެރިރަށް ޚާރްތޫމްގައި މުޒާހަރާތަކެއް އިންތިޒާމް ކުރައްވާނެކަމަށް އެ ޤައުމުގެ ރައީސް ޢުމަރުލް ބަޝީރު ވިދާޅުވެއްޖެއެެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއްސުރެ ސޫދާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކާ ދެކޮޅަށް ކުރަމުންދާ މި މުޒާހަރާތައް މިހާރު މި ވަނީ، އަލްބަޝީރުގެ 30 އަހަރަށް ވުރެ ގިނަދުވަސްވީ ވެރިކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ.

އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވާ މި އެއްވުމުގައި އެތައް ހާސް ބަޔަކު ނިކުންނާނެކަމަށާއި، އެ ފަރާތްތަކުގެ އެއްބާރުލުމާއެކު ވެރިކަމުގައި ދެމިހުންނަވާނެކަމަށް ވެރިރަށް ޚާރްތޫމްގައި ހުންނަވާ ޤައުމާ މުޙާތަބުކުރައްވަމުން އަލްބަޝީރު ވިދާޅުވިއެވެ.

އަލްބަޝީރު ވިދާޅުވީ، ސޫދާންގެ ވެރިކަމަށް އަންނަން މަސައްކަތްކުރާ ފަރާތްތަކަށް، ކާމިޔާބުކަމާއެކު އެކަން ކުރެވޭނީ އިންތިޚާބެއް މެދުވެރިކޮށްގެންކަމަށެވެ. އަދި މިފަދަ ފަރާތްތަކަށް މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކާމިޔާބުކުރައްވައިގެން ވެރިކަން ބަދަލުކުރަން އަލްބަޝީރު ވަނީ ގޮވާލައްވާފައެވެ.

ސޫދާންގެ ރައީސް ވިދާޅުވީ، އެ ޤައުމުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ބޭރުގެ ފަރާތްތަކުން ބޭނުންވެގެން އެ ޤައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކެއް ކަމަށެވެ. ޢުމަރުލް ބަޝީރު ޤައުމާ މުޚާޠަބުކުރައްވާ ވާހަކަދައްކަވަމުން ގެންދެވި އިރުވެސް އެ ޤައުމުގައި ވަނީ ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގާފައެވެ.