ޚަބަރު

134 ސުކޫލެއްގައި ކިޔަވައިދޭނީ އެއްދަންފަޅިއަށް- އެޑިއުކޭޝަން މިނިސްޓަރ


އަންނަ އާދިއްތަަ ދުވަހު ކިޔެވުން ފަށާއިރު ގިނަ ސްކޫލްތަކެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް 134 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ އިންްތިޒާމުތައް ހަމަޖައްސާފައިިވާކަމަށާ، މި ސްކޫލްތަކުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ކިޔަވައިދޭން ފަށާނީ އެއް ދަންފަޅިއަށްކަމަށެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެެވެ. އެގޮތުން މިހާރުވެސް ބައެއް ސްކޫލްތަކުގައި ހަމައެކަނި ހެނދުނު ކިޔަވައިދެމުން އަަންނައިރުު، މި ފެށޭ ދިރާސީ އާއަހަރު އިތުރު ސްކޫލްތަކަކާއެކު، ޖުމްލަ 134 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ސަރވޭއެއް ފެށުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނާފައިވާ މަސައްކަތެކެވެ. އެޑިއުކޭޝަން މިނިސްޓްރ ވިދާޅުވީ، މި މަސައްކަތްވެސް މިހާރު ފަށައިގެން ކުރިއަށްދާކަމަށާއި، އެގޮތުން މި މަސައްކަތުގެ ދަށުން ސްކޫލްތަކުގެ އޮޑިޓެއް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

"އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް އޮޑިޓް ފަށައިގެން އެބަ ކުރިއަށްދޭ. އޮޑިޓްގެތެރެއިން މިބަލަނީ އެއްދަންފަޅިއަށް ބަދަލުކުރުމަށް ސްކޫލްތަކުގެ ޖާގައާއި ވަސީލަތްތައް އިތުރައް ބޭނުންވާ މިންވަރަށް. އަންނަ އާދިއްތަ ދުވަހު ސްކޫލްތައް ފަށާއިތު ޖުމްލަ 134 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ މިއަހަރު ރާއްޖޭގެ 212 ސްކޫލެއްގައި ކިޔަވައިދޭން ފަށާއިރު، ސްކޫލްތަކުގެ އޮޑިޓް ނިމުމުން، އެއްދަންފަޅިއަށް ބަދަލުނުކުރެވޭ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، އެ ސްކޫލްތަކުގައިވެސް އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށޭނެ ކަމަށެވެ.

މި ފެށޭ ދިރާސީ އާއަހަރު ރާއްޖޭގެ 212 ސްކޫލެއްގައި، ހަތްދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރާނެއެވެ.