ޚަބަރު

އަދީބު ޖަލަށް ބަދަލުކުރީ އެއްބަސްވުމާއި ޚިލާފުވުމުން - ކަރެކްޝަން


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަނބުރާ ޖަލަށް ގެންދިޔައީ ގޭބަންދުގައި ބެހެއްޓުމަށް އެއްބަސްވި އިޤްރާރާއި ޚިލާފުވުމުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

އަޙްމަދު އަދީބު ސިއްހީ ޙާލުކޮޅު ހުރިގޮތުން ގޭ ބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދީފައިވަނިކޮށް އެ އެންގުމާއި ޚިލާފަށް މިމަހުގެ 2 ވަނަ ދުވަހު އަދީބު ޖަލަށް ބަދަލުކޮށްފައިވާކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ވަނީ އަދީބު އަނބުރައި ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުންގެ އިރުޝާދާ ޚިލާފަށްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޗްއާރުސީއެމްގެ ބަޔާނާ ގުޅިގެން ކަރެކްޝަނަލް ސާރވިސް އިން މިއަދު ނެރުނު ބަޔާނުގައި ވަނީ، ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޙުކުމް ތަންފީޒްކުރަމުންދާ ޤައިދީން ޞިއްޙީ ޙާލަތަށްޓަކައި ބައެއްފަހަރު ގޭބަންދަށް ބަދަލުކުރަނީ އިންސާނިއްޔަތުކަމަށް ރިޔާޢަތްކޮށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުން އެ ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުންކަމަށެވެ.

ކަރެކްޝަނުން ބުނީ، އެގޮތަށް ގޭބަންދަށް ބަދަލުކުރެވޭ ޙާލަތްތަކުގައި ޤައިދީއާ އެ ޤައިދީންނާ ހަވާލުވާފަރާތުން ވަކިކަމަކަށް އެއްބަސްވެ އިޤްރާރުގައި ސޮއިކުރާކަމަށާއި، އެ ޤަރާރާއި ޚިލާފުވާ ޙާލަތުގައި އަނބުރާ ޖަލަށް ބަދަލުކުރުމަކީ ކަރެކްޝަނަލް ސާރވިސްއިން ޢާންމުކޮށް ޢަމަލުކުރާ ޢުސޫލުކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އަޙްމަދު އަދީބު އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު އޭނާއަށް ފަރުވާދިން ޔޫރޮލޮޖީ ޑޮކްޓަރ، ކަރެކްޝަނުން ވަކިގޮތަކަށް ޢަމަލުކުރުމަށް އަންގާފައިވާކަމަށް ދޭހަވާގޮތަށް މަޢުލޫމާތު ޢާންމުކުރި ނަމަވެސް ޑޮކްޓަރުން އިރުޝާދު ދީފައިވަނީ ވަކި ޚާއްޞަ މާޙައުލެއް ފޯރުކޮށްދިނުމަށް ރިޔާޢަތްކުރުމަށްކަމަށް ކަރެކްޝަނުން ބުނެވެ.

އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ގޭގައި ހުރި މުއްދަތުގައި އޭނާ ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެފަދަ، ޞިއްޙީ އިތުރު މައްސަލައެއް ފާހަގަކުރެވިފައިނުވުމާއި، ގޭބަންދުކުރާ ޤައިދީއާއި ޤައިދީއާ ހަވާލުވާ ފަރާތްތަކުގެ އިޤްރާރުގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފަށް އަދީބު ޢަމަލުކޮށްފައިވާތީކަމަށް ކަރެކްޝަން ސަރވިސްގެ ބަޔާނުގައިވެއެވެ. އަދި އަދީބު ޖަލަށް ބަދަލުކުރީ ޙުކުމް ތަންފީޒްކުރަމުންދާ މީހުން ޢަމަލުކުރަންޖެހޭ މެޑިކަލް ޤަވާއިދުގައި ބަޔާންކުރާ ސިއްޙީ ޙާލަތަށް ރިޔާޢަތްކޮށް އެކަށީގެންވާ މާހައުލެއް ޖަލުގައި ޤާއިމްކުރުމަށްފަހުކަމަށްވެސް ކަރެކްޝަނުން ވަނީބުނެފައެވެ.

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދުގައި ބައިތިއްބާ މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އިންސާނީ ކަރާމާތަށް ގެއްލުންވާފަދަ ޢަމަލެއް ނުކުރުމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޑޮކްޓަރުންގެ ލަފައާ ޚިލާފަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އަލުން އަނބުރާ ޖަލަށް ގެންދިޔަ ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެހުޅުމަށް އަދީބު ނިސްބަތްވާ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ޕާޓީން ވަނީ ނިންމާފައި.