ޚަބަރު

އައްޑޫ ސިޓީގައި ޓްރާންސްޕޯޓުން ދެމުންދިޔަ ޚިދުމަތްތައް ކައުންސިލާއި ޙަވާލުކޮށްފި


ޓްރާންސްޕޯޓް އޮތޯރިޓީއިން އައްޑޫ ސިޓީގައި ދެމުންގެންދިޔަ ޚިދުމަތްތަށް އައްޑޫ ސިޓީ ކައުންސިލްއާއި ހަވާލުކޮށްފިއެވެ.

މި ޚިދުމަތްތަށް އައްޑޫ ސިޓީ ކައުންސިލާއި ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރަށްފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއަޝަން އައިޝަތު ނަހުލާއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ މޭޔަރ އަބްދުﷲ ޞާދިޤެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އައްޑޫ ސިޓީގައި ދެމުންގެންދިޔަ ޚިދުމަތްތަށް އައްޑޫ ސިޓީ ކައުންސިލްއާއު ހަވާލުކުރުމުން، އައްޑޫ ސިޓީގެ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ރެޖިސްޓްރޭޝަނާއި ލައިސަންސްދިނުމުގެ މަސައްކަތް ދެން ކުރިއަށްގެންދާނީ އައްޑޫ ސިޓީ ކައުންސިލުންނެވެ. އަދި އައްޑޫ ސިޓީގެ ސީ އަދި ރޯޑް ވަރސިނަސް ހައްދައިދިނުމާއި އެ މަސައްކަތުގެ ބެލެނިވެރިފަރާތަކީ އައްޑޫ ސިޓީ ކައުންސިލް ކަމަށްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންވަނީ ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއިން އެކި މިނިސްޓްރީތަކަށް ނަގާފައިވާ ބާރުތައް އަނބުރާ ސިޓީ ކައުންސިލްތަކަށް ދީފައެވެ.

އެގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ސިޓީތަކުގައި ހިންގާ ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން ވަނީ ސިޓީ ކައުންސިލްތަކާއި ޙަވާލުކޮށްފައެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުންވެސް ހަވާލުކޮށްފައިވަނީ ކައުންސިލްތަކާއެވެ.