ޚަބަރު

ކުޅުދުއްފުށީ އެއަރޕޯރޓް ޓާމިނަލްގެ މަސައްކަތް އަންނަ ހަފްތާގައި އަލުން ފަށަނީ


މެދުކެނޑިފަ އޮތުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި ހދ ކުޅުދުއްފުށީ އެއަރޕޯރޓް ޓާމިނަލްގެ މަސައްކަތް އަލުން ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެފިއެވެ.

ކުޅުދުއްފުށީ އެއަރޕޯރޓް ޓާމިނަލްގެ މަސައްކަތް އަލުން ފަށަނީވެސް ހަމަ ކުރިން މިމަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި " ކޮރެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ން ކަމަށް ރީޖަނަލް އެއަރޕޯރޓުން މަޢުލޫމާތުދެއެވެ. މި މަސައްކަތް، ދިމާވި ބައެއް ކުދިކުދި މައްސަލަތަކާހެދި މެދުކެނޑިފަ އޮންނަތާ ދުވަސްތަކެއް ވުމަށްފަހު އަލުން ފަށަނީ، އެ ކުންފުންޏާއެކު މަޝްވަރާތަކެއް ކުރުމަށްފަހުގައި ކަމަށް ރީޖަނަލް އެއަރޕޯރޓްސް އިން ބުނެއެވެ.

މިހާރު އެއަރޕޯރޓްގައި ކުރިއަށް ދަނީ އިން ވަކި ކުރުމަށް ފެންސްޖެހުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރާ އެމް.ޓީ.ސީ.ސީން ބުނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިމަސައްކަތްވެސް ނިންމާލެވޭނެކަމަށެވެ.

އެއަރޕޯޓްގެ އިން ވަކި ކުރުމަށް ފެންސް ޖަހާއިރު ކުރިން އެއަރޕޯރޓް ސަރަހަށްދަށް ނާރާ 3 ގެއެއް އަރާއިރު، ރަށު ކައުންސިލުން ބުނީ އެ ތިންގޭގެ ބަދަލު ދިނުމުގެ ކަންކަން ރީޖަނަލް އެއަރޕޯރޓުން ނިންމުމުން އެފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ އަޅާފައިވަނީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިން 9 ހެކްޓަރުގެ ބިމާއި، މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމާ ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެއެވެ. ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ވަނީ ހަދާފައެވެ.

12 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައިހަބުކަމަށްވާއިރު، ކުޅުދުއްފުށީ އެއަރޕޯޓުން ޚިދުމަތް ދޭން ފެށުމުން އެ ސަރަޙައްދުގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.