ޚަބަރު

ތަރިކައާއި ސަޤާފަތާއި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާއިން އެހީތެރިކަންދެނީ


ތަރިކައާއި ސަޤާފަތާއި ފަންނުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކުރުމަށް އިންޑިއާގެ ވަފްދެއް ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާގެ ފަންނީ މާހިރުން ހިމެނޭ މި ވަފްދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަން"ގެ ދަށުން ރާއްޖޭގެ ތަރިކައާއި ސަޤާފަތާގުޅޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރާއްޖެ އައި ވަފްދެކެވެ.

މި ވަފްދުގެ ބޭފުޅުންވަނީ މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސް ބޭފުޅުންނާއި، ކަމާ ގުޅޭ މުޢައްސަސާތަކާއި ބައްދަލުކުރައްވައި، އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ފަށްޓަވާފައެވެ.

އެގޮތުން ކުރިއަށްގެންދިޔަ ބައެއް ބައްދަލުވުންތަކުގައި ތަރިކައާއި ސަޤާފަތާއި ފަންނުވެރިކަމުގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ހަރުދަނާކުރުމަށް އިންޑިއާގެ ފަންނީ ބޭފުޅުންނާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މިި ކަންކަމާ ގުޅޭގޮތުން އިތުރައް މަޝްވަރާކޮށް ކުރިއަށްދާނެ ގޮތްތައް ރޭވުމަށްޓަކައި މި ވަފުދުގެ ބޭފުޅުންނާއި ހެރިޓޭޖް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ ފަންނީ ބޭފުޅުންނާ ވަކިވަކި ބައްދަލުވުންތައް ގެންދަނީ ބާއްވަމުންނެވެ.

މި ވަފުދުގައި އިންޑިއާގެ ޤައުމީ ދާރުލްއާސާރުގެ ޑިރެކްޓަރ ޖެނެރަލާއި، ނޭޝަނަލް މެނުސްކްރިޕްޓް މިޝަންގެ ޑިރެކްޓަރާއި، އަރކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޖޮއިންޓް ޑިރެކްޓަރ ޖެނެރަލްވެސްވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.