ޚަބަރު

ޒުވާނުންގެ މަރުކަރުތައް އިޖުތިމާއީ މަރުކަޒުތަކަށް ބަދަލުކޮށްފި


ރަށްރަށުގައި ހުރި ޒުވާނުންގެ މަރުކަރުތައް އިޖުތިމާއީ މަރުކަޒުތަކަށް ބަދަލުކުރުމަށް މިނިސްޓްރީ އޮސް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ނިންމައިފިއެވެ.

މިބަދަލާއެކު ޒުވާނުންގެ މަރުކަޒުގެ ނަމުގައި އެކި ރަށްރަށުގައި ހިންގަމުންއައި ތަންތަނުގެ ނަން، މިހާރު ވަނީ އިޖުތިމާޢީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފައެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނީ، މި ބަދަލު ގެނެސްފައިވަނީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ގެންނެވި ބަދަލުތަކާ ގުޅިގެން، އެފަދަ މަރުކަޒުތައް ވީހާވެސް ގިނަ މީހުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ގޮތުންކަމަށެވެ.

މި ބަދަލާއެކު ޒުވާނުންގެ އިތުރުން، ހުރިހާ އުމުރުފުތާތަކަށްވެސް އެފަދަ މަރުކަޒުތައް ބޭނުންކުރެވޭނެކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އެގޮތުން މިއަދުންފެށިގެން އިޖުތިމާއީ މަރުކަޒުތަކުގައި ހުރި ވަސީލަތްތައް ބޭނުންކުރުމާއި، ކުޅިވަރު ކުޅެވޭގޮތަށް ހަދާފައިވާ ތަންތަން ބޭނުންކުރުމުގެ ފުރުޞަތު ހުރިހާ އެންމެނަށް ހުޅުވާލާފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ބެލެހެއްޓުމުގެ ކަންކަން ޔޫތް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ. އަދި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ޔޫތު މިނިސްޓްރީއިން ވަނީ ރަސްމީކޮށް ޖަމްޢިއްޔާތަކުގެ ކަންކަން ބަލަހައްޓަން ފަށާފައެވެ. މީގެކުރިން ޖަމްޢިއްޔާތަކާ ގުޅުންހުރި ކަންކަން ބަލަހައްޓަމުން ގެންދިޔައީ ހޯމް މިނިސްޓްރީންނެވެ.