ޚަބަރު

އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމަށް ޚާއްޞަ ސެންޓަރުތަކެއް ޤާއިމް ކުރަނީ


ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމުގެ މަސައްކަތްކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކޮށް ކޮންމެ ރަށަކަށް ޚާއްޞަ ވެބްސައިޓަކާއި، އާސާރީ ތަންތަން ހިމާޔަތްކުރުމަށް ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދާކަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ވިދާޅުވީ ރާއްޖޭގެއެކި ކަންކޮޅުތަކުގައި ހިމާޔަތްކުރަންޖެހިފައިވާ ގިނަ ތަންތަން އެބަހުރިކަމަށާ، މިތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ހެރިޓޭޖް މިިނިސްޓްރީއިން ބާރު ސްޕީޑްގައި ކުރަމުންދާކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އެ ތަންތަނާއި ތަކެއްޗަކީ އަންނަން އޮތް ޖީލުތަކަށް ސަލާމާތްތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ ތަކެއްޗާއި ތަންތަނަށްވައިރު، ވޭތުވެދިޔަ ސަރުކާރުތަކުން، ވަކިން ޚާއްސަކޮށް ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި މިފަދަ ތަރިކަތައް ހިމާޔަތްކުރުމުގައި ވަރަށް ބޮޑަށް އިޙުމާލުވެފައިވާކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ލިބޭ އާމްދަނީ އެތައް ތަނަކުން ބޮޑުވެގެންދިޔަނަމަވެސް، އާސާރީ ތަންތަން ހިމާޔަތްކުރުމުގައި ރާއްޖެއިން ދިޔައީ ފަހަތަށްކަމަށް ޠާރިޤް ވިދާޅުވިއެވެ.

"އެގޮތުން ދިވެހިބާހާއި ތާރިޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އެތަށް ޒަމާނަކުއްސުރެ ބަލަހައްޓަމުން އައި ތަންތަނަށް މިއަދު މިވަނީ ނުބެލެހެއްޓުމުގެ ސަބަބުން ގެއްލުންތަކެއްވެފައި. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ލިބޭ އާމްދަނީ އެތަށް ތަނަކުން ބޮޑުވެގެންދިަޔަސް މިކަމެއް ނުފެނޭ މިތަންތަން ހިމާޔަތްކުރުމުގައެއް. މި ތަރިކަތައް އަންނަން އޮތް ޖީލުތަކަށް ސަލާމާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ހަރުދަނާ ލިސްޓުކުރުމުގެ މަސައްކަތްތަކެއް މިހާރުވަނީ ފަށާފައި." މުޙައްމަދު ޠާރިޤް ވިދާޅުވިއެވެ.

ރާއްޖޭގައި އާސާރީތަންތަނާއި ތަރިކައިގެ ގޮތުގައި ތަންތަނާއިތަކެތި ލިސްޓުކުރެވިފައިވާކަން ފާހަގަކުރައްވާ ޠާރިޤް ވިދާޅުވީ، މި ލިސްޓަކީ އެންމެ އެކަށީގެންވާގޮތުގައި ލިސްޓުކުރަންޖެހޭ މިންގަނޑުތަކަށް ލިސްޓުކުރެވިފައިވާ ތަންތަން ނޫންކަމަށެވެ. އެގޮތުން ހެރިޓޭޖް މިނިސްޓްރީގެ އެންމެ އިސް ޒިންމާއަކީ އެފަދަ ތަންތަނުގެ އަޕްޑޭޓެޑް ހަރުދަނާ ލިސްޓެއް އެކުލަވާލުން ކަމަށާ، އެހެންކަމުން އެކަން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ.

ރާއްޖޭއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރައްވަމުން ޠާރިޤްވަނީ، ކޮންމެ ރަށެއްގެވެސް ރަށުގެ އާސާރުތައް ރައްކާތެރި ކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ނިޒާމުގެ ދަށުން ކޮންމެ ރަށަކާއި އެ ރަށެއްގެ އާސާރީ ތަންތަނާއި ތަރިކައިގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ވެބްސައިޓެއް ހެދުމާއި، ރަށްރަށުގައި ހުރި ތަރިކައިގެ މަޢުލޫމާތު ދިނުމަށް ސެންޓަރުތަކެއް ޤާއިމުކުރުމަށް ހެރިޓޭޖް މިނިސްޓްރީއިން އަމާޒު ހިފާފައިވާކަން ޠާރިޤް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މައިގަނޑުއަމާޒަކީ ތަރިކަތަކުގެ އަޕްޑޭޓެޑް ލިސްޓެއް ކައުންސިލްތަކާއި ގުޅިގެން ހެދުން. އަދި ރަށުގެ ރައްޔިތުންނާއި ފަތުރުވެރިންނަށް ކޮންމެ ރަށަކާއި އެ ރަށެއްގެ އާސާރީ ތަންތަނާއި ތަރިކައިގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވެބްސައިޓެއް ހެދުމާއި، ރަށްރަށުގައި ހުރި ތަރިކައިގެ މަޢުލޫމާތު ދިނުމަށް ސެންޓަރުތަކެއް ޤާއިމުކުރުމަށް އަޅުގަނޑުމެން އަމާޒުހިފާފައިމިވަނީ. މިކަމަށް މިކަމުގެ ތަޖުރިބާކާރުންނާއި، އިސްރަށްވެހިންގެ މަދަދު އެބަ ހޯދަން." މުޙައްމަދު ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓްރީ ހިންގުމުގައި މުޢައްޒަފުން މަދުވުމުން ދަތިތަކެއް ދިމާވާކަން ފާހަގަކުރައްވާ ޠާރިޤް ވިދާޅުވީ، މި ދަތިތަކާއެކުވެސް މިނިސްޓްރީގެ މަސައްކަތަށް މަޑުޖެހުމެއް އަޔަނުދޭނެކަމަށެވެ. އެގޮތުން އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ މަސައްކަތް އެހެނިހެން ވުޒާރާތަކާއެކު ކުރަމުންދާކަން ޠާރިޤް ފާހަގަކުރެއްވިއެވެ.