ޚަބަރު

މިދިޔަ ސަރުކާރުން ވިޔަފާރިތައް ބޭނުންކުރީ ދައުލަތައް ފައިސާ ހޯދުމަށް - އިކޮނޮމިކް މިނިސްޓަރ


މިދިޔަ ސަރުކާރުން ވިޔަފާރިތައް ބޭނުންކުރީ އެއްވެސް އުސޫލެއްނެތި ސަރުކާރަށް ބޭނުންވާ ފައިސާ ހޯދުމަށްކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް ވިދާޅުވީ، ވިޔަފާރިއާއި ނުލައި ޤައުމުގެ އިޤްތިޞާދެއް ނުވާއިރު، ޤައުމުގެ އިޤްތިޟާދު ކުރިއެރުވޭނީ ވިޔަފާރިތައް ކުރިއަރުވައިގެންކަމަށެވެ.
ނިމިދިޔަ ސަރުކާރުން ވިޔަފާރިތައް ބޭނުންކޮށްފައިވަނީ ދައުލަތައް ބޭނުންވާ ފައިސާ ހޯދުމަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އިޤްތިޞާދީ ސަރުކާރަކުން ކަންކުރަންވާނޭ ގޮތެއް ނޫންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ވިޔަފާރިތައް ބޭނުންކޮށްގެން ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ދައުލަތުގެ ޓެކްސް އިދާރާ ވަރަށްބޮޑަށް ބޭނުންކޮށްފައިވާކަމަށެވެ. މީރާ ހިންގުމަށް ހަރުދަނާ އުސޫލެއްނެތި، ވިޔަފާރިތަކަށް ނޭންގި ބޮޑެތި އަދަދުތަކުން ވިޔަފާރިތައް ޖޫރިމަނާކޮށްފައިހުރިކަމަށާއި، މިގޮތުން ކުރާ ޖޫރިމަނާތަކުގެ ސަބަބުން އެތައް ވިޔަފާރިއެއް ހުއްޓާލަން ޖެހިފައިހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިގޮތައް ކަންތައް ކުރުމުގެ ނަތީޖާއަކީ ދައުލަތައް އެވަގުތަކު ބޭނުންވާ ފައިސާ ލިބުނު ނަމަވެސް މުޝްތަޤްބަލުގައި ލިބެންހުރި ފައިސާ ލިބޭނެމަގު ބަންދުވުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"
މީރާއިން އެބަހުރި އަމިއްލަ ޤަވާއިދުތައް ނެރެ، ބޮޑެތި އަދަދުތަކުން މީހުން ޖޫރިމަނާކޮށްފައި. އެމީހުންނަށް ނުވެސްއިނގޭ އެއީ ކިހިނެތް އޮންނަ ކަމެއްކަމަށްވެސް. ދެން އެފައިސާ ދައްކައިފިއްޔާނޫނީ އެމީހުން ސަލާމަތެއްނުވޭ
އިިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢިލް

ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވިޔަފާރިވެރިންގެ ފަރާތުން މިރާއާއި ގުޅޭގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކުގެ މައުލޫމާތު ލިބިފައިވާކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.
އެހެންކަމުން މީރާގެ ހިންގުން މި ސަރުކާރުން އިސްލާހުކުރާނޭކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މީރާއަކީ ދައުލަތުގެ ޓެކްސްއިދާރާކަމުގައި ވީނަމަވެސް، ވިޔަފާރިތަކުން ޓެކްސް ނެގޭނީ ޤާނޫނާއި އެއްގޮތަށްކަމަށާއި، އާންމު ރައްޔިތުންގެ ހައްޤަށްވުރެ ދައުލަތުގެ ހައްގު އިސްވާނޭކަމަށް ވިސްނިފައި އޮތްއޮތުން ބަދަލުކުރައްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"
މީރާއަށްވެސް ޓެކްސް ނެގޭނީ ޤާނޫނުގައި އޮންނަ އަދަދަށް. އެއަށްވުރެ އިތުރަކަށް ނުނެގޭނެ. ދައުލަތުގެ އިދާރާއެއްވިޔަސް އެކަން އޮންނާނީ އެގޮތަށް.
އިިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢިލް

ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް ބަލައި، ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީން ގެންދަނީ، މަސައްކަތްކުރަމުންނެވެ.
މިގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ، ވިޔަފާރިތަކަށް ދަތިވާގޮތައް ހުރި ޤަވައިދުތަކާއި އުސޫލުތައް އިސްލާޙްކުރުމާއި، ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ޤައުމީ ފެންވަރުގެ ވިޔަފާރި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ.