ޚަބަރު

އާސާރީ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭގެ އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި، އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާ ގުޅޭގޮތުން ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ޤައުމީ ދާރުލްއާސާރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ޤައުމީ ދާރުލްއާސާރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ބެލެހެއްޓުމާ ގުޅޭގޮތުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވަނީ ޤައުމީ ދާރުލްއާސާރަށާއި ޤައުމީ ދާރުލްއާސާރުގައި ޤާއިމްކޮށްފައިވާ ޕޮލިސް މިއުޒިއަމަށް ޒިޔާރަތްކުރައްވާފައެވެ.