ޚަބަރު

ރަށްރަށުގެ އާއްމު ޙާލަތު އެނގޭނެހެން ވެބްސައިޓެއް ތަރައްޤީކުރަނީ


މުޅި ރާއްޖެއްގެ ހުރިހާ ރަށްތަކުގެ ޢާއްމު ސިއްޙީ ޙާލަތާ ގުޅޭ މަޢުލޫމާތު އެނގޭގޮތަށް ޚާއްޞަ ވެބްސައިޓެއް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ފަށައިފިއެވެ.

މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު، ރާއްޖޭގައި ހުންނަވާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މަންދޫބު އަރްވިންދު މާތުރާ ބައްދަލުކުރައްވައި ކޮމިއުނިކޭޝަން ޓެކްނޮލިޖީ ބޭނުންކޮށްގެން ސިއްޙީ ދާއިރާ އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް ވިދާޅުވީ މުޅި ރާއްޖެއްގެ ހުރިހާ ރަށްތަކުގެ ޢާއްމު ޙާލަތާ ގުޅޭ މަޢުލޫމާތު އިނގޭނެގޮތަށް ވެބްސައިޓެއް ހެދުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާކަމަށެވެ. މި ވެބްސައިޓަކީ ރަށްރަށުގެ ޢާންމު ސިއްޙީ ޙާލަތުގެ މަޢުލޫމާތުވެސް ހިމެނޭހެން ތަރައްޤީކުރާ ވެބްސައިޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ މަލީހު، ޑަބްލިއުއެޗްއޯގެ މަންދޫބާ ބައްދަލުކުރައްވައި މި ވެބްސައިޓް އިތުރައް ފުރިހަމަ ކުރެވިދާނެ ގޮތްތަކާއި، ވެބްސައިޓް މެދުވެރިކޮށް ރަށްރަށުގެ ސިއްޙީ ކަންކަމާއިި ގުޅޭ މަޢުލޫމާތު ވަގުތުން ވަގުތައް ލިބޭނެގޮތް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރަށުގެ އާބާދީއަށް އަންނަ ބަދަލުތަކާއި، ރަށްރަށުގައި ރޯގާ ނުވަތަ އެހެނިހެން ބަލިތައް ފެތުރޭނަމަ، އެފަދަ މަޢުލޫމާތު އަލަށް ތަރައްޤީކުރާ ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަމަށް ސްޓޭޓް މިނިސްޓްޓަރ އަލީ ސޯލިޙް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސިއްޙީ ޚިދުމަތް ފުރިހަމައަށް ލިބެން ނެތް ތަންތަނާ ސިއްޙި ނިޒާމު އެއް ވިއުގައަކުން ގުޅާލުމަށް، އައިސީޓީ މެދުވެރިކޮށް ދެވޭނެ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އާންމުންގެ މެދުގައި ބަލިތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ހޭލުންތެރިކުރުމާއި، މިފަދަ މަޢުލޫމާތުތައް ފަސޭހައިން އާއްމުންނަށް ލިބޭނެ ގޮތްތައް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އައިސީޓީ މެދުވެރިކޮށް ސިއްޙީ ނިޒާމު އެއްވިއުގައަކުން ގުޅާލުމާއި، ބަލިތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.