ޚަބަރު

މާލޭ މިސްކިތްތަކާއި ގަބުރުސްތާނުތައް އަނެއްކާވެސް ސިޓީ ކައުންސިލާ ހަވާލުކޮށްފި


މާލޭގެ މިސްކިތްތަކާއި ގަބުރުސްތާނުތަކުގެ ކަންކަން ބެލެހެއްޓުން މާލޭ ސީޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީއާއި، މާލޭ ސިޓީ ކައުންސިލާ ދެމެދު މިކަމާބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މާލޭ މިސްކިތްތަކުގެ ކަންކަން ބެލެހެއްޓުން ސިޓީ ކައުންސިލްގެ ދަށުގައި އޮއްވައި، ކުރީ ސަރުކާރުން އިސްލާމިކް މިނިސްޓްރީގެ ދަށަށް އެމަސައްކަތްތައް އޮތީ ބަދަލުކޮށްފައެވެ.

މިސްކިތްތައް ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިންގުމަކީ، ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތަކަށް ބާރުތައްދީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވަޢުދުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަމާބެހޭ އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވުމަށްފަހު ވާހަކަދައްވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މިސްކިތްތަކާއި ގަބުރުސްތާނުތައް ބެލެހެއްޓުމުގެ ކަންކަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އިތުރަށް ހަރުދަނާ ކުރާނެކަމަށެވެ. ޚާއްޞަ ގޮތެެއްގައި މިސްކިތްތަކުގެ ސާފުތާހިރުކަމަށް ޚާއްޞަ އިސްކަމެއް ދޭނެކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މާލޭގެ މިސްކިތްތާއި ގަބުރުސްތާނުތަކުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ކޮމިޓީއެއް ކައުންސިލްގެ ތެރެއިން އެކުލަވާލާފައިވާކަމަށެވެ.

މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރިނަމަވެސް، އިމާމުންގެ ކަންކަން ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީންނެވެ. އަދި މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމާއި ދަރުސްފަދަ ދީނީ ކަންކަންވެސް ބަލަހައްޓަމުން ގެންދާނީ އެ މިނިސްޓްރީން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.