ޚަބަރު

އެންސްޕާގެ ބައެއް ޚިދުމަތްތައް ޖެންޑަރގެ ދަށަށް ބަދަލުކޮށްފި


ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ދަށުން ހިނގަމުންދިޔަ ބައެއް ތަންތައް ސީދާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ދަށުން ހިނގަމުންއައި ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން ބަލައްޓާ ފިޔަވައްޗާއި، ކުޑަކުދިންގެ ހިޔާއި، އަނިޔާ ލިބެމުންދާ އަންހެނުންނާއި ހާލުގައި ޖެހިފައިވާ ކުޑަކުދިން ބޭތިއްބުމަށް ގދ. ތިނަދޫގައި އަޅާފައިވާ އަމާންހިޔާގެ ހިންގުން ސީދާ ޖެންޑަރ މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ. އަދި އެންސްޕާގެ ދަށުން ހިންގަމުންއައި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތައްވެސް މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ސީދާ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުންދާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަކީ ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގައި ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގަށް 2008 ވަނަ އަހަރު އުފައްދާފައިވާ އޭޖެންސީއެކެވެ.