ވިޔަފާރި

ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ޚިދުމަތް އެއްތަނަކުން ލިބޭ އޮންލައިން ޕޯޓަލްއެއް ޤާއިމްކުރަނީ


ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގެ ޚިދުމަތެއް އެއް ތަނަކުން ލިބޭ އޮންލައިން ޕޯޓަލްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ސައިންސް ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މީރާގެ އޮންލައިން ވޯކް ވިސާ ޕަރމިޓް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ޚިދުމަތް ހޯދުމަތް ސަރުކާރުގެ އެކި އޮފީސްތަކަށް ދާންޖެހި ގިނަ ވަގުތު މިކަމުގައި ހޭދަވުމެވެ. އެހެންކަމުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މަޢުލޫމާތު އެއްތަނަކުން ފަސޭހަކަމާއިއެކު ލިބޭގޮތް ހަދައިދިނުމަކީ މި ސަރުކާރުގެ އުއްމީދެއްކަމުން މިކަމަށް ޚާއްސަ އޮންލައިން ޕޯޓަލްއެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މުސްތަޤްބަލުގައި އަޅުގަނޑުމެންގެ އުއްމީދަކީ ސަރުކާރުގެ އޮފިސްތަކުގެ ހުރިހާ ކަމެއް މި ކިއުގައި ޖެހެންޖެހޭ ޖެހުން ނިމުމަކަށް ގެނެސް ސަރުކާރާއި ރައްޔިތުންގެ އެފިޝެންސީ އިތުރުކުރުމށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން. އަޅުގަނޑުމެން މިދައްކަނީ ރާއްޖޭގެ ހުރިހާ މުއައްސަސާއެއް އިންޓަގްރޭޓްކުރުން. ރާއްޖޭގެ ހުރިހާ ޚިދުމަތެއް އެއް ޕޮޓަލަކުން ލިބުން. Gov.mv ގެ ނަމުގައި އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ. އޭގެ ބޭނުމަކީ ހުރިހާ މުއައްސަސާއަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭނޭ ނިޒާމް ހަމަޖެއްސުން" މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ އޮންލައިން ޕޯޓަލްއެއް ތަޢާރަފްވެގެން ދިއުމަކީ ވިޔަފާރިތަކަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށެވެ. ވަކިން ޚާއްސަކޮށް މިފަދަ ޕޯޓަލް އެއް ތަޢާރަފްވުމާއެކު ލޯކަލް ޓޫރިޒަމްއާއި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބައްލަވާ މިސާލަކަށް ބޮޑު ވިޔަފާރިއެއް ވެއްޖިއްޔާ ހަތަރު ބުރީގެ އިމާރާތެއްގައި މަދުވެގެން ހަތަރު ވަރަކަށް ފެން މީޓަރު ހުންނާނެ.އަދި ކަރަންޓު މީތަރުވެސް. އެހެންކަމުން މިފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެއްފަހަރާ ބިލްތައް ޕޭކުރެވި އަދި ބޭނުންވާ ރިސިޕްޓް އޮންލައިންކޮށް އެމީހެއްގެ ފޯނަށް ލިބޭ ނިޒާމެއް. އެހެންވީމަ ހަޤީޤަތުގައި ޓެކްނޮލޮޖީއާއި ނުލައި ވިޔަފާރިކުރުމުގެ ފަސޭހަގޮތްތަކެއް ނުލިބޭނެ. " މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ އިދާރާއެއްގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެ ފަސޭހަގޮތެއް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިއްމުކަމެކެވެ. އެހެންކަމުން މި މަސައްކަތް އަވަސް މުސްތަޤްބަލެއްގައި ކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.