ޚަބަރު

މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާއްމުކުރަން ފަށައިފި


މީހާގެ ނަން ހިމެނޭގޮތަށް މަގުމައްޗައް ކުނިއަޅާ މީހުންގެ މަޢުލޫމާތު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރަން ފަށައިފިއެވެ. މިއީ ކުނި އެޅާ މީހުންގެ މައުލޫމާތު، މީހާގެ ނަމާއެކު މަޢުލޫމާތު އާއްމުކުރި ފުރަތަމަ ފަހަރެވެ.

ކުނި މެނޭޖުކުރުމުގެ ޤަވައިދުގެ ތަންފީޒީ އިދާރާ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިންވަނީ، މިހާތަނަށް މަގު މައްޗައް ކުނި އަޅައިގެން ދެ މީީހެއްގެ ނަމާއި، ދިރިއުޅޭ ތަނުގެ މަޢުލޫމާތު ޢާއްމުކޮށްފައެވެ. މީގެ ކުރިން އީޕީއޭއިން ޢާންމުކޮށްފައިވަނީ ކުނި އެޅި މީހާ ދިރުއުޅެމުންދާ ތަނުގެ މަޢުލޫމާތު އެކަންޏެވެ.

އީޕީއޭއީ ބުނީ ކުނިއަޅައިގެން މަޢުލޫމާތު އާއްމުކޮށް ޖޫރިމަނާކޮށްފައިވަނީ ޗާންދަނީމަގުގައި ހުންނަ ގެއެއްގެ ކަންމައްޗާއި، ދެވިނަ މަގުގައި ހުންނަ ގެއެއްގެ ކަންމައްޗަށް ކުނި އެޅި 2 މީހެކެވެ. މަގުމައްޗަށް އަޅާފައިވާ ކުނީގެ ތެރޭގައި ވެލި ބަސްތާއައި، ގޮދަޑިފަދަ ތަކެތި ހިމެނެއެވެ.

ކުނި އަޅާ މީހުންގެ ނަމާއެކު މަޢުލޫމާތު އާމުކުރުމުގެ އިޚްތިޔާރު ކުނި މެނޭޖުކުރުމުގެ ގަވާއިދުގެދަށުން އެކަން ތަންފީޒުކުރާ އިދާރާ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ލިބިގެންވެއެވެ.

ކުނި މެނޭޖުކުރުމުގެ ގަވާއިދު ބުނާގޮތުން އާންމު ސަރަހައްދުތަކުގައި ކުނިއެޅުމަށް ޚާއްޞަކޮށްފައިވާ ތަންތަނަށް ނުވަތަ ތަކެއްޗަށް ފިޔަވައި އެހެން އެއްޗަކަށް ނުވަތަ ތަނަކަށް ކުނި އެޅުމަކީ މަނާކަމެކެވެ. އަދި ގަވާއިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު އީޕީއޭއަށް ލިބިފައިވެއެވެ. ކުނިމެނޭޖްކުރުމާބެހޭ ގަވާއިދުގެ ދަށުން މިފަދަ ތަންތަނަށް ކުނި އަޅާ ފުރަތަމަ ފަހަރު 300 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އެއަށްފަހު ގަވާއިދާ ޚިލާފަށް ކުނިއަޅާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ.

ކުނި މެނޭޖްކުރުމާބެހޭ ޤަވާއިދުގައި ކުރިން ބަޔާންކޮށްފައިވާގޮތުން ގަވާއިދާ ޚިލާފަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރެވެނީ 100 ރުފިޔާއިންނެވެ. ނަމަވެސް އާއްމުން އެއްވެއުޅޭ ތަންތަނަށް ކުނި އެޅުން މަނާކޮށް އެކަން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޤަވާއިދު އިސްލާޙްކޮށް ޖޫރިމަނާގެ ޢަދަދު ވަނީ 500 އާހަމައަށް ބޮޑުކޮށްފައެވެ.

ސަރުކާރުންވަނީ އާއްމުން އެއްވެ އުޅޭ ތަންތަނަކީ ސާފު މާހައުލަކަށް ހެދުމަށާއި، ތިމާވެށްޓަށް ކުނީގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ސާފުކުރުމުގެ ޤައުމީ ކެމްޕޭނެއްވެސް އިފްތިތާޙްކޮށްފައެވެ.