ޚަބަރު

ސަރވޭއަށްފަހު މާރުކޭޓް ގޮޅިތައް ދޫކުރުމަށް އަލުން އިޢުލާންކުރަނީ


މާލޭ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް އަލުން އިޢުލާންކޮށްގެން ދޫކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ގޮޅިތައް ދޫކޮށްފައިވަނީ ރަނގަޅު އުސޫލަކުން ނޫންކަމަށާއި ބައެއް ގޮޅިތަކުގެ މުއްދަތުވެސް ހަމަވެފައިވާކަމަށެވެ. އަދި މި ޕްރޮސެސް ކުރިއަށްގެންދިއުމުގައި ގޮޅިތައް ހުސްކުރަން ނާންގާނެކަމަށާއި، ބޭނުންވަނީ ޤަވައިދުތަކާއި އެއްގޮތައް ގޮޅިތައް ކުއްޔަށްދީ ރަނގަޅު ނިޒާމެއްގެދަށުން ގޮޅިތައް ހިންގުންކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުންވަނީ މާރުކޭޓް ގޮޅިތަކުގެ ޙާލަތު ދެނެގަތުމަށް ސަރވޭއެއް ފަށާފައެވެ. ކައުންސިލްގެ މެންބަރު މުޙައްމަދު ފަޒީން ވިދާޅުވީ ސަރވޭގައި ގޮޅިތަކުގެ އެގްރީމަންޓްތަކުގެ ސައްޙަކަން ބެެލުމާއި، ގޮޅިތަކުން ވިއްކާ ތަކެއްޗާއި، ގޮޅިތަކުގައި ބިދޭސީން މަސައްކަތްކުރަމުންދަނީ ޤަވައިދާ އެއްގޮތައްތޯ ބަލަމުންދާކަމަށެވެ. މިހާތަނަށް ބެލިބެލުމުން ބައެއް ގޮޅިތަކުގެ އެގްރީމަންޓް މުއްދަތު ހަމަވެ، އެކަމަށް ދައްކަންޖެހޭ ފައިސާ މީރާއަށް ދައްކާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް ފަޒީން ވިދާޅުވިއެވެ. ނަމަވެސް މިކަން ކުރެވޭނެ އިންތިޒާމް މީރާއާއި ގުޅިގެން މިހާރު ހަމަޖައްސާފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މި ސަރވޭގެ ދަށުން މާރުކޭޓް ގޮޅިތަކަށް ހުރި ދަތިތައް ބަލައި ބައެއް ބަދަލުތައް ގެނައުމަށްވެސް ކައުންސިލުން ގެންދަނީ މަޝްވަރާކުރަމުންނެވެ. އެގޮތުން މާރުކޭޓު ބޭރު މަގުތަކަށްވާގޮތަށް ދޮރު ކަނޑައިގެން މާރުކޭޓަށް ވަދެވޭނެ އިތުރު ދޮރުތައް ކެނޑުމަށް ސިޓީ ކައުންސިލުން ދަނީ މަޝްވަރާކުރަމުންނެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ މި ސަރވޭގެދަށުން ދަތުރުވެރިންގެ މަރކެޓްގެ އިތުރުން ވަޅޯމަސް މަރކެޓްވެސް ބަލަމުންދާކަމަށެވެ.
މާރުކޭޓުތައް ބެލެހެއްޓުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީގެ ބެލުމުގެދަށުގައި އޮތުމަށްފަހު ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ.