ޚަބަރު

މަޖީދިއްޔާގެ ކުރީގެ ބޭންޑް މެންބަރުން ހިމެނޭ "އަންބާ" އިފްތިތާޙްކޮށްފި


މަޖީދިއްޔާ ސްކޫލް ބޭންޑުގެ ކުރީގެ ދަރިވަރުން އިސްނަގައިގެން އުފައްދާފައިވާ އެސޯސިއޭޝަން އޮފް މަޖީދިއްޔާ ބޭންޑް އެލުމްނައި ނުވަތަ "އަންބާ" އިފްތިތާހްކޮށްފިއެވެ.

ރާއްޖޭގެ ސްކޫލެއްގައި އެންމެ ފުރަތަމަ ބޭންޑެއް އުފައްދާފައިވަނީ މަޖީދިއްޔާ ސްކޫލްގައެވެ. އެ ބޭންޑްގެ ނަމަކީ މަދަރުސަތުލް މަޖީދިއްޔާ ބޭންޑެވެ.

ސޯލްޓްގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި "އަންބާ" ޖަމިއްޔާ އިފްތިތާހުކޮށްދެއްވީ ޙަފްލާގެ ޝަރަފުވެރި މެހެމާނު ދައުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުއެވެ. 1965 ގައި މަދްރަސަތުލް މަޖީދިއްޔާގެ ބޭންޑް ވުޖޫދަށް އައިއިރު އެސްކޫލްގެ ހެޑްމާސްޓަރަކަށް ހުންނެވީ އުމަރު ޒާހިރެވެ.

ޖަމިއްޔާ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަންބާ ޖަމިއްޔާގެ މޮޓޯއަކީ "މަޖީދިއްޔާގެ އަޑު އަންބާއާއެކު" އެވެ. އިސްކުލަ އަކީ މަޖީދިއްޔާގެ ކުރީގެ ބެޖެއްގެ ކުލަ ކަމުގައިވާ މުށިކުލައެވެ. އަންބާގެ ރަސްމީ އިދާރާއަކީ މަޖީދިއްޔާ ސްކޫލެވެ.

އަންބާ ޖަމިއްޔާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ޖަމިއްޔާގެ މެންބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ފަންނު ދެމެހެއްޓުމުގެ ހަރަކާތްތައް ހިންގުމާއެކު، މަޖީދިއްޔާ ސްކޫލްގެ ބޭންޑާއި ރާއްޖޭގެ އެހެން ސްކޫލް ބޭންޑްތަކަށް އެހީގެ ފުރުސަތުތައް ހޯދައި މަގުފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅުކުރުމަށްޓަކައި ހަރަކާތްތައް އިންތިޒާމުކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތައް ތައާރަފުކުރުމާއި ބޭންޑް އިންސްޓްރަކްޓަރުން ބިނާކޮށްދިނުންވެސް ހިމެނެއެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕަރފޯމިންގ އާޓްސްގެ ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް މި ބޭންޑްގެ މަޤްޞަދެކެވެ.

މިޖަމިއްޔާގައި ސަތޭކައަށް ވުރެ ގިނަ މެންބަރުން މިހާތަނަށް ރަޖިސްޓްރީކޮށްފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.