ޚަބަރު

ޔަމަނަށް އެހީވުމުގެ ހަރަކާތްތަކުގައި ކަސްޓަމްސް ބައިވެރިވެއްޖެ


އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީއާއި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ގުޅިގެން ޔަމަނުގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމުގެ ހަރަކާތެއް ފަށައިފިއެވެ.

މިހަރަކާތްތަށް ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ކަސްޓަމްސް ބިލްޑިންގ ސަރަހައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު ނުއުމާންއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ޖެނެރަލް ސެކްރެޓްރީ ފަރީހާ އަޙްމަދު ވިދާޅުވީ، އައިއޭސީއާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކި ތަންތަނުގައި ފަންޑުފޮށި ބަހައްޓައިގެން ހެލްޕް ޔަމަން މޯލްޑިވްސް ކެމްޕޭނަށް ފަންޑު އެއްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މާލޭގެ ކަސްޓަމްސްގެ ހެޑްއޮފީހާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ކަސްޓަމްސް ޔުނިޓްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އެއަރ ކާގޯ އޭރިއާގައި ފަނޑުފޮށި ބަހައްޓާފައިވާކަން ފަރީހާ ފާހަގަކުރެއްވިއެވެ.

ޔަމަނުގައި ތިބި މުސްލިމުންނަށް އެހީ ވުމަށް ގިނަ އަދަދެއް އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން އައިއޭސީއާ ދަނީ ބައިވެރިވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މިހާތަނަށް 8 ލައްކައެއްހާ ރުފިޔާ އެހީގެގޮތުގައި ލިބިފައިވާ ކަމަށާއި، އެ ތަކެތި ޔަމަނުގެ ރައްޔިތުންނަށް ބެހުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ތުރުކީގެ އީހާހާ ޖަމްޢިއްޔާގެ އެހީއާއެކު ކާޑުގެ ބާވަތްތަކާއ، ކެއްކުމަށް ބޭނުންކުރާ ތެލާއި، ދަޅުމަސް ފަދަ ކާނާ ހާލުގައި ޖެހިފައިތިބި ޔަމަނުގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާކަމަށް ނާއިފް ވިދާޅުވިއެވެ. އެގޮތުން މި އެހީ ޔަމަނުގެ އަލް ޖައުފް އަވަށުގައި ޤާއިމުކޮށްފައިހުރި ރެފިއުޖީ ކޭމްޕްގައި ބަހަން ފަށާފައިވާކަމަށްވެސް އައިއޭސީއިން މަޢުލޫމާތުދެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަކީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ޖަމާއަތެކެވެ. މި ޖަމާއަތުން ވަނީ މީގެކުރިންވެސް ސޫރިޔާއާއި، މިޔަންމާއާއި ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގައި، އެ ޤައުމުތަކުގައިތިބި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.