ވިޔަފާރި

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ލުއި ކާނާއެއް ދޭން ތައްޔާރުވަނީ


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި ފަސިންޖަރުންނަށް ލުއި ކާނާއެއް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ލުއިކާނާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި އެގޮތުން އެކަމާއި ގުޅޭ ދިރާސާތައްވެސް ހަދަމުންދާ ކަމަށެވެ. އެގޮތުން އެފަދަ ހިދުމަތެއް އެންމެ ފުރިހަމައަށް ދެވޭނެ ގޮތަކާއި ދޭނެ ކާނާގެ ބާވަތްތައް ބަލަމުންދާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ކުރިއަށްއޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި މިމަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު ފްލައިޓްތަކުގައި ލުއި ކާނާ ދޭން ފެށި ނަމަވެސް ޓިކެޓްގެ އަަގަށް ބަދަލެއް ނާންނާނެ ކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ ދާދިފަހުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފައެވެ. މި އަގުތަކަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާއިރު މި ބަދަލާއެކު ރާޢްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރާ ދަތުރުތަކުގެ އަގުން 25 އިންސައްތައާއި 30 އިންސައްތަ އަގު ހެޔޮވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.