ޚަބަރު

ވިލިމާލޭގައި ފުލުހަކަށް ހަމަލާދިން މީހާ 10 އަހަރަށް ޖަލަށް


ވިލިމާލޭގައި ފުލުހަކަށް ވަޅިއަކުން ޙަމަލާދީ ޒަޚަމްކޮށްލި މީހާ ދިހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.މި މައްސަލާގައި ކޯޓުން ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ، ގ. ވޭރާ މުހައްމަދު މުހައްމަދު ނަސްރުގެ މައްޗަށެވެ.ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ، މިދިޔަ މަހުގެ އަށްވަނަ ދުވަހު މި މިހާގެ މައްޗަށް ވައްކަމުގެ ތުހުމަތުކުރެވި އެނާ ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް އިންޒާރުދީފައިވާކަން ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ. އަދި ފުލުހުން އެނާ ހައްޔަރުކުރަން އުޅުމުން އޭނާ ގެންގުޅުނު ވަޅިއެއް ހޫރަމުންގޮސް  އެތަނުން ފުލުހެއްގެ ކޮނޑަށް ހަރާލާފައިވާކަމަށްވެސް ކްރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.ނަސްރުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުމުގެ ގާނޫނަށް މިދިޔަ ޑިސެމްބަރ މަހުގެ ގެނައި އިސްލާހްގެ ދަށުންނެވެ. އަދި މިއީ ބޮޑެތި އަދަބުތަކާއި ހަރުކަށި އުސޫލްތައް ހިމަނައިގެން އިސްލާހްކުރި ގާނޫނުގެ ދަށުން މީހަކަށް ހުކުމްކުރެވުނު ފުރަތަމަ ފަހަރެވެ.އަލަށް ގެނެވުނު އިސްލާހްގެ ދަށުން ނިންމި ފުރަތަމަ މައްސަލާގައި އިއްވި ހުކުމްގައި އަދަބުދީފައިވަނީ އެ ގާނޫނުގައި އޮތް އެންމެ ލުއި އަދަބެވެ.މިދިޔަ ޑިސެމްބަރ މަހު އިސްލާހްކުރި ގާނޫނު ބުނާގޮތުން އެ ގާނޫނުގައި ހިމެނޭ ކުށެއް ކޮށްގެން އެ މައްސަލަ ކޯޓަށް ހުށައަޅާތާ އެއްމަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމަންޖެހެއެވެ. އަދި ގާނޫނު ބުނާގޮތުން މީހަކަށް ނުރައްކާތެރި ހާނިއްކައެއް ލިބޭގޮތަށް ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގެ ކުށުގެ އަދަބަކީ، ދިހަ އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.