ޚަބަރު

އެއްބަސްވުން އާކޮށް ހެލިކޮޕްޓަރުތައް އަލުން ބޭނުންކުރަން ފަށައިފި


ކުރީގެ ސަރުކާރުން ބޭނުންކުރުން ހުއްޓާލި އިންޑިއާގެ ހެލިކޮޕްޓަރުތައް އަލުން ބޭނުންކުރަން ފަށައިފިއެވެ. މި ހެލިކޮޕްޓަރުތައް އަލުން ބޭނުންކުރަން ފަށާފައިވަނީ ދިވެހި ރާއްޖެއާއި އިންޑިއާއާއި ދެމެދު މިކަމާބެހޭގޮތުން ވެފައިވާ އެއްބަސްވުން އާކުރުމަށްފަހުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ރާއްޖޭއަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިންވަނީ ދެ ހެލިކޮޕްޓަރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ހެލިކޮޕްޓަރު ބޭނުންކުރަމުންދަނީ ރަށްރަށުން ބަލިމީހުން އުފުލުމަށާއި ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން މި ހެލްކޮޕްޓަރުތައް ބޭނުންކޮށްގެން މިހާތަނަށް 151 ބަލި މީހަކު ވަނީ އުފުލާފައެވެ. އަދި ސަރޗް އެންޑް ރެސްކިއުގެ 50 އޮޕްރޭޝަނެއްގައި ހެލިކޮޕްޓަރު ވަނީ ބޭނުންކޮށްފައެވެ. މި ހެލިކޮޕްޓަރުތައް ބޭނުންކުރުން ހުއްޓާލާފައި އޮތުމަށްފަހު، އެމްއެންޑީއެފުން މިހާރުދަނީ ބަލިމީހުން އުފުލުމުގައި ހެލިކޮޕްޓަރުތައް ބޭނުންކުރަމުންނެވެ.

މި ހެލިކޮޕްޓަރުތައް ބޭނުންކުރުން ހުއްޓާލައި، ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށް ކުރީގެ ސަރުކާރުން އިންޑިއާ ސަރުކާރަށް އަންގާފައިވަނީ ހެލޮކޮޕްޓަރތައް ބޭނުންކޮށްގެން އިންޑިއާއިން ރާއްޖެއަށް ޖާސޫސްކުރަމުންދާކަމަށް ބުނެއެވެ. މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ ރާއްޖޭގައި އިމުގައި ކުރިއަށްދާ ހުރިހާ ހަރަކާތްތައް އެމްއެންޑީއެފުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި މި ހެލިކޮޕްޓަރުގެ ކަންކަން ބެލެހެއްޓުމަށް އިންޑިއާގެ ސިފައިން ހަރަކާތްތެރިވި ނަމަވެސް، ހެލިކޮޕްޓަރު ބޭނުންކޮށް، ރާއްޖެ މަތިން ދަތުރުކުރަނީ ދިވެހި އަސްކަރިއްޔާގެ ބެލުމުގެދަށުންކަމަށެވެ.

އިންޑިއާ އަކީ ދިވެހި އަސްކަރިއްޔާ ކުރިއަރުވައި ތަރައްޤީކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއްދޭ އެއް ޤައުމެވެ. އެގޮތުން ފަންނީ ތަމްރީނު ދިނުމާއި، އަސްކަރީ ވަސީލަތްތައްވެސް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެއެވެ.