ޚަބަރު

އަލިފާނުގެ ހާދިސާއަށްފަހު ގިލި ލަންކަންފުށި ވަގުތީގޮތުން ބަންދުކޮށްފި


ގިލި ލަންކަންފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެރިސޯޓު ބަންދުކޮށްފައިވީނަމަވެސް ރިސޯޓަށް ލިބުނު ގެއްލުންތައް ހައްލުކުރުމަށްފަހު ރިސޯޓުގެ ޚިދުމަތް އަލުން ފެށުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އެ ރިސޯޓުން ބުނެފިއެވެ.

ގިލި ލަންކަންފުށި ރިސޯޓުން ބުނީ އެރިސޯޓަށް ލިބިފައިވާ ގެއްލުންތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ރިސޯޓްގައި ތިބުމަށް ޕްރީ-ބުކިންގ ހަދާފައިވާ ފަތުރުވެރިންނަށް އުނދަގޫ ނުވާނެހެން ޚިދުމަތްތައް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ގިލިލަންކަން ރިސޯޓުގެ ޓްރެވެލް ޕާރޓްނަރުންނާ ގުޅިގެން ފަތުރުވެރިންނަށް އެހެން ރިސޯޓުތަކުގައި ތިބުމުގެ އިންތިޒާމު ހަމަޖެއްސުމާއި ރީފަންޑްކުރުމުގެ ކަންކަން މިހާރު ކުރިއަށްދާކަމަށް އެރިސޯޓުން ބުނެއެވެ.

ގިލިލަންކަން ފުށި ރިސޯޓުން ބުނީ އެރިސޯޓަށް މިހާތަނަށް ލިބިފައިވާ ގެއްލުންތައް އަދިވެސް އަންދާޒާކުރެވިފައިނުވާކަމަށާއި އެހެންނަމަވެސް ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފްސީލު ގާތުން ހިއްސާކުރަމުންދާނެކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގިލި ލަންކަންފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި ރިސޯޓަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ރިސޯޓުގެ ހަތް މޫދު ކޮޓަރިވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މި ހާދިސާ ހިނގިއިރު ރިސޯޓުގައި ތިބި ފަތުރުވެރިންނަށް ރިސޯޓުގެ ފަރާތުން ކައިރި ރިސޯޓުތަކުން އެކޮމޮޑެޝަން ވަނީ ހަމަޖައްސައިދީފައެވެ.