ޚަބަރު

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި


ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންޑީއެމްއޭގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ޙަސަން ވިދާޅުވީ މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރާއާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ފެންބޮޑުވުމާއި ގަދަވަޔާއި، ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނޭ ގެއްލުންތަކުން ރައްކާތެރިވުމަށް ހިސާން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިސާން ވިދާޅުވީ ގދ. ތިނަދޫއާއި އެއަތޮޅު ވާދޫގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާއިރު، ރ އަތޮޅުގެ އެކި ރަށްރަށަށް އުދައެރުމާ ގުޅިގެންވެސް އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. ހިސާން ވިދާޅުވީ، ވާރޭ ވެހުމުގެ ސަބަބުން ދިމާވެދާނެ، ފެންބޮޑުވުމުގެ ހާދިސާއަކުން ރައްކާތެރިވުމުގެގޮތުން، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ގޭތެރެއަށް ފެން ވަދެ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. އަދި ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން ފަދަ ކަންކަން ކުރުމަށްވެސް ހިސާން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ދެކުނުގެ ޞަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ގދ ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ރޭ ފަތިހު ގދ ތިނަދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން އެމްއެންޑީއެފް ސަދަރން އޭރިއާ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ރަށުގައި ހަރަކާތްތެެރިވާން ފަށާފައިވާކަމަށެވެ. އެގޮތުން ރަށުގެ ދެ ސަރަޙައްދެއްގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.