ޚަބަރު

ޓެކްނޮލޮޖީގެ ފަސޭހައާއެކު، މުސްލިމުން ދީނާއި ދުރުވުން ބަލައެއް ނުގަނެވޭނެ - ހުކުރު ޚުތުބާ


ޓެކްނޮލޮޖީގެ ސަބަބުން ލިބެމުންދާ ފަސޭހައާއެކު، މުސްލިމުން ދީނާ ދުރުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްސަކޮށްފައިވަނީ އިސްލާމް ދީނުގެ މަތީގައި ސާބިތުވުމުގެ މައްޗަށެވެ.

މީގެ 800 ވަރަކަށް އަހަރު ކުރިން ރާއްޖެއަށް އިސްލާމްކަމުގެ ހިދާޔަތް ލިބުމަކީ، ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތްކަމަށް ހުކުރު ޚުތުބާގައި ވަނީ ސިފަކޮށްފައެވެ. މި ނިޢުމަތަށް ރައްކާތެރިވެ މިދީނުގައި ހިފަހައްޓާ، ދީން މަތީ ސާބިތުވެ، ދީން ދިފާޢުކުރުމަށްޓަކައި އަތުކުރި އޮޅާލުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައިވަނީ، އިސްލާމްދީނުގެ ހިދާޔަތް ފޯރުކޮށްދިނުމައްޓަކައި ކީރިތި ރަސޫލާއާއި، އެ ކަލޭގެފާނުގެ އާލު އަސްޙާބުން ވެވަޑައިގެންނަވާފައިވާ ޤުރުބާނީގެ މަތިން ހަނދާން އާކުރުމަށް ގޮވާލާފައެވެ. އެގޮތުން މި މަސައްކަތުގައި ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް، ފުރާނައަށް ބެލުމެއްނެތި އިސްލާމްދީންގެ މަތީގައި ދެމިތިބިކަން ޚުތުބާގައިވަނީ ފާހަގަކުރައްވާފައެވެ.

"އޭރުގެ މުސްލިމުންނަކީ ބިރާއި، ވޭނާއި، ކެކުޅުންތަކާއެކު ވެސް ދީންމަތީ ސާބިތުވެވަޑައިގެންނެވި ވަރުގަދަ ޝަޚްސިއްޔަތެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުން، އެކަލޭގެފާނުގެ ކަރާއި ދެފައިންޕުޅުގައި ވާޖަހައި، މައްކާގެ ކުޑަކުދިންނާއި، މޮޔައިން ލައްވައި މައްކާގެ ހިލަބިމުގެ މަގުތަކުގައި ދެމުނެވެ. ހަންގަނޑު ނޮޅުނެވެ. ލޭ އޮހޮރިގެން ދިޔައެވެ. ނަމަވެސް ދީންމަތީގައި ސާބިތުވެވަޑައިގެން ހުންނެވިއެވެ. އެންމެ ހޫނުގަދަ ދުވަސްވަރު ނަމަވެސް ދީންމަތީގައި ސާބިތުވެވަޑައިގެން ހުންނެވިއެވެ." ޚުތުބާގައި ގޮވާލާފާވެއެވެ.

މިހާ އުނދަގުލާ ދަތިތަކާއެކު އިސްލާމްދީން މިއަދު ކުރިއަރާފައިވާއިރު، މިއަދު މުސްލިމުންގެ އަމަލުތަކުގެ ސަބަބުން އިސްލާމްދީނު ބަލިކަށިވަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް ހުކުރު ޚުތުބާގައި ވިދާޅުވެފައިވެއެވެ. އެގޮތުން ޓެކްނޮލޮޖީގެ ސަބަބުން ލިބެމުންދާ ފަސޭހައާއެކު، މުސްލިމުން ދީނާ ދުރުވަމުންދާކަން ފާހަގަކުރައްވާ، މިއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ހުކުރު ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

" ލޮބުވެތި އަޚުންނޭވެ! މިއަދު ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިވަނީ ކުރިއަރައިފައެވެ. ސްމާޓް ފޯނުތަކުގެ ޒަރީޢާއިން ވެސް ކީރިތި ޤުރްއާން ކިޔެވޭނެ ގޮތާއި ޤުރްއާނުގެ ދިވެހި ތަރުޖަމާ ކިޔާނެ ގޮތް ފަހިވެފައި އެބަހުއްޓެވެ. ނަމަވެސް ގިނަ މީހުންނައި މިއަދު ވަގުތެއް ނެތެވެ. ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެގެން އުޅުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ ސަމާލުކަމާއި އަހުމިއްޔަތު ކުޑަވެއްޖެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ" ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ޙަޤީޤީ މެދުމިން ޚިޔާރުކުރުމަށްވެސް ގޮވާލާފައެވެ. އެގޮތުން މެދުމިނަކީ ތިމާ ގަޔާވާ ކަމެއް ކޮށްފައި، ގަޔާ ނުވާކަމެއް ނުކޮށް ދޫކޮށްލުން ނޫންކަން ފާހަގަކޮށް ހަޤީޤީ މެދުމިނަކީ އެންމެހައި އަސާސްތަކާއި ޙުކުމްތަކުގައި ހިފެހެއްޓުންކަންވެސް ޚުތުބާގައިވަނީ ފާހަގަކޮއްފައެވެ.