ޚަބަރު

ބޯކޮށް ވާރޭވެހި ގދ ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވެއްޖެ


ރާއްޖޭގެ ދެކުނުގެ ޞަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ގދ ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވެ، ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ރޭ ފަތިހު ގދ ތިނަދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ރަށުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެގޮތުން ރަށުގެ ދެ ސަރަޙައްދެއްގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ރާއްޖޭގެ ދެކުނުގެ ޞަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. މިހާރު އެ ސަރަހައްދަށް ކުރާ ވިއްސާރައަކީ ދެކުނުގެ އަތޮޅުތަކުގެ މަތީގައި އުފެދިފައިވާ ބޯ ވިއްސާރަ ވިލާގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެގޮތުން މި ވިއްސާރައިގައި ދެކުނުގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރަކޮށް، ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އަދި އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކަށް އާންމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.