ޚަބަރު

100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ތިމާވެށީގެ ދާއިރާއިން 8 ވަޢުދު ފުއްދައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ތިމާވެށީގެ ދާއިރާއިން 8 ވަޢުދެއް ފުއްދާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ތިމާވެށީގެ ދާއިރާއިން 11 ވަޢުދެއް ހިމެނެއެވެ. މިކަމާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މީގެތެރެއިން 8 ވަޢުދެއް މިހާތަނަށް ފުއްދާފައިވާކަމަށެވެ.

އެގޮތުން އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ތިމާވެށި ރައްކާތެރިކުރުމާގުޅޭ ޕްރޮގްރާމްތައް ފެށުމުގެ ވަޢުދު ފުއްތުމަށްޓަކައި "ތިމާވެށި މައްތިނި" ނުވަތަ ތިމާވެށި ބިންގަލުގެ ނަމުގައި ޕްރޮގްރާމެއް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހިންގަން ފަށާފައެވެ. އެގޮތުން މިހާތަނަށް ޖުމްލަ 80 ކައުންސިލަރުންނަށް މި ޕްރޮގްރާމް ހިންގާފައިވާއިރު، ވަޒީރުންނާއި، ސިވިލް ސަރވިސް ކޮމިޝަން މެންބަރުންނަށް މި ޕްރޮގްރާމް ވަނީ ހިންގަންފަށާފައެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ހިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެދަށުން ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް ރައްކާތެރިކުރުންމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި ރާއްޖޭގެ އެހި ހިސާބުތަކުގައިހުރި ރީތި އަދި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަން ސަރުކާރުން ވަނީ ހިމާޔަތްކޮށްފައެވެ. އަދި މި މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދު ފުއްދުމަށްޓަކައި "ރަށްފެހި" ގެނަމުގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ. މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މި ޕްރޮގްރާމްގެ ދަށުން ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި މިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން މުޅިރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް "ސާފު ރާއްޖެ - އަހަރެންގެވެސް ޒިންމާ" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައިދެއްވާފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ދުވަހު އެކަނިވެސް 775 ޓަނުގެ ކުނި އެއްކޮށްފައިވެއެވެ. މި ޕްރޮގްރާމްގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ސާފުރާއްޖެ ޕްރޮގްރާމްގެ އިތުރުން ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕޭނެއް ވަނީ ފަށާފައެވެ. މި ޕްރޮގްރާމެއްގެ ދަށުން ސަރުކާރުގެ އެކި މުއައްސަސާތަކުގައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި މިހާރު ވަނީ ބިއްލޫރި ފުޅި ބޭނުންކުރަން ފަށާފައެވެ.

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބާރުވެރިކުރުވައި، ރައްޔިތުންނާ ކަމާބެހޭ މާހިރުންގެ ބައިވެރިވުމާއެކީ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރުމުގެ ވަޢުދުގެ ދަށުން އީއައިއޭ ހެދުމުގެ ޒިންމާ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި އޮތް އޮތުން ބަދަލުކޮށް، އީޕީއޭއަށް ވަނީ އިތުރު ބާރުތައްދީފައެވެ. ރާއްޖޭގެ ތިމާވެއްޓާބެހޭގޮތުން ކުރެވޭ ދިރާސާތައް އޮންލައިންކޮށް ޕަބްލިޝްކުރެވި ރައްޔިތުންނަށް ފެންނާނެފަދަ ނިޒާމެއް ގާއިމްކުރުމުގެ ގޮތުން ވެބް ޕޯރޓަލްއެއްގައި އެ މައުލޫމާތު އެންވަރަމެންޓް މިނިސްޓްރީއިން ވަނީ ޝާއިޢުކޮށްފައެވެ. މި ޕޯޓަލްގައި މިހާތަނަށް ތިމާވެށީގެ ދާއިރާގެ 624 ދިރާސާ ވަނީ ޝާއިޢުކޮށްފައެވެ.

އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުޢާހަދާގެ ބައިވެރިންގެ 24 ވަނަ ބައްދަލުވުން "ކޮންފަރެންސް އޮފް ދަ ޕާޓީސް" (ކޮޕް 24) ގައި ބައިވެރިވެ ވަކާލާތުކުރަން ފެށުމަކީވެސް ސަރުކާރުގެ 100 ދުވަހުގެ ވަޢުދެވެ. އެގޮތުން މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ކުރީގެ ރައީސް ނަޝީދާއި، އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވަނީ ބައިވެރިވެވަޑައިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުދުނު މިންވަރު ހާމަކޮށްފައިވާއިރު އެހެން ވުޒާރާތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ދަނީ މި މައުލޫމާތު އާންމުކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން ފުރަތަމަ 30 ދުވަހުގެ ވަޢުދުތަކުގެ 86 އިންސައްތަ ވައުދު ފުއްދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.