ޚަބަރު

ގިލި ލަންކަންފުށި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް


ގިލި ލަންކަންފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވި ނަމަވެސް ދުމުގެ އަސަރު ކުރި އެ ރިސޯޓުގެ ދެ މުވައްޒަފަކަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވެއެވެ.
މި ހާދިސާގައި ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ރިސޯޓުގެ 7 މޫދު ކޮޓަރިވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ގިލިލަންކަންފުށިން ބުނީ އެ ރިސޯޓުގައި ތިބި ފަތުރުވެރިންނަށް ރިސޯޓުގެ ފަރާތުން ކައިރި އެހެން ރިސޯޓްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސައިދީފައިވާކަމަށެވެ. އެގޮތުން ޖުމައިރާ ވިޓަވެލި، ހުވަފެންފުށި އަދި ކުޑަހުރާއިން ފަތުރުވެރިންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދީފައިވާކަމަށް އެ ރިސޯޓުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުނުތާ މާ ގިނައިރު ތަކެއް ނުވަނީސް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުވެސް ވަނީ އެ ރިސޯޓަށް ވަޑައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ލިބުނު ގެއްލުންތައް ބައްލަވާލައްވާފައެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ ޓީމުތަކާއި، ރިސޯޓުގެ މުވައްޒަފުން ކުރަމުންދިޔަ މަސައްކަތުން، އިތުރަށް އަލިފާންގަނޑު ފެތުރިގެން ނުދާނޭ ވަރަށް ކޮންޓްރޯލްކުރެވުނީ ރޭ މެންދަމު 01:00 ހާއިރު ކަމަށެވެ. އަދި، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ފަތިހު 5:00 ހާއިރުކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 22:32 ހާއިރު ކަމަށެވެ.