ރާއްޖެއަށް އަންނަ ކްރޫޒްލައިނާތަކަށް ކުރިން ވެސް ބަނދަރުކުރިގޮތަށް މާލެއާ 0.6 ނޮޓިކަލް މޭލު ބޭރުގައި ބަނދަރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެ އަންނަ ކްރޫޒްލައިނާތައް މާލެއާއި ދުރުގައި ބަނދަރުކުރަންޖެހުމަކީ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެއްކަމަށެވެ. މާލެއާއި ގާތްގަނޑަކަށް 2 ނޮޓިކަލް މޭލު ދުރުން ކްރޫޒްލައިނާތައް މިހާރު ބަނދަރުކުރާއިރު މިނިސްޓްރީން ބުނީ މީގެ ސަބަބުން ފަތުރުވެރިން މާލެ ގެނައުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ކްރޫޒްލައިނާތައް ބަނދަރުކުރުމަށް މާލެއާ 0.6 ނޮޓިކަލް މޭލު ހަމަޖައްސާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. 0.6 ނޯޓިކަލް މޭލަކީ މީގެ ކުރިން ވެސް ކްރޫޒްލައިނާތައް ބަނދަރުކުރި ދުރުމިނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާއިރު މަޢުލޫމާތު ހޯދުމަށާއި އާންމު ފަރާތްތަކުގެ ޝަކުވާ ފަސޭހަކަމާއިއެކު ހުށަހެޅުމަށްޓަކައި އެ މިނިސްޓްރީން މިހާރު ވަނީ ހޮޓްލައިނެއް ތަޢާރަފްކޮށްފައެވެ.
މީގެއިތުރުންވެސް ފަތުރުވެރިކަމުގެ ތަންތަނުންދޭ ޚިދުމަތްތައް އެއްފެންވަރެއްގައި ހިފެހެއްޓުމަށް އެތަންތަން އިންސްޕެކްޓުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.