ޚަބަރު

ބަސް ދަތުރަކަށް 10 ރުފިޔާ، އަގު ދެގުނަވެ އާންމުންގެ ކަންބޮޑުވުން


ސިނަމާލެ ބުރިޖު ހުޅުވުމާއެކު މާލެއާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ކުރަމުންއައި ފެރީ ދަތުރުތަކުގެ ބަދަލުގައި، މިހާރު ގިނަ މީހުން ދަތުރުކުރަނީ އެއްގަމު މަގުންނެވެ. އެގޮތުން ބުރިޖާއެކު މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ދޭންފެށި ބަހުގެ ޚިދުމަތް ގިނައަދަދެއްގެ މީހުން ބޭނުންކުރެއެވެ. މިދިޔަ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް މާލެ، ހުޅުމާލެ، އަދި ހުޅުލެއާ ދެމެދު ބަސް ދަތުރުތައް ކުރަމުންދިޔައީ މުޅިން ހިލޭއެވެ.

މާލެއިން ހުޅުމާލެއާއި ހުޅުލެއަށް ދަތުރުކުރުމަށް ފެރީއާއި ބަހުގެ ޚިދުމަތް އިޚްތިޔާރު ކުރުމުގެ ފުރުޞަތު މިހާރު އޮންނައިރު، ބަހުގައި ދަތުރުކުރާ މީހުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށް ބަހުގެ ޚިދުމަތްދޭ އެމްޕީއެލްއިން ބުނެއެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ބަސް ސްޓޮޕްތައް ހެދުމުގެ ކުރިން އެވަރެޖްކޮށް ދުވާލަކު 3000 މީހުން ދަތުރުުކުރި ނަމަވެސް، ބަސް ސްޓޮޕްތަކާއިއެކު ދުވާލެއްގެ މައްޗައް 5000 މީހުން ބަހުގެ ޚިދުމަތް ބޭނުންކުރަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ބަހުގައި ކުރާ ކޮންމެ ދަތުރަކަށް 10 ރުފިޔާ ނަގަން ފަށާފައިވާއިރު، ބަހުގެ އަގާ މެދު ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޚިޔާލު ތަފާތެވެ. ގިނަ ބަޔަކު ބުނަމުން ގެންދަނީ އާއްމު ޚިދުމަތެއްގެ ގޮތުން ފޯރުކޮށްދެމުން އަންނަ ޚިދުމަތަކަށް 10 ރުފިޔާއަކީ އެންމެ އެކަށީގެންވާ އަގެއް ނޫންކަމަށެވެ.

ބަހުގެ އަގުތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙްޖޫމް ވިދާޅުވީ މި ޚިދުމަތަކީ އެ ކުންފުނިން ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ފެށި ޚިދުމަތެއްކަމަށާއި، ޚިދުމަތް ހިލޭ ދިނުމުގެ ސަބަބުން މިހާތަނަށް އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަކަމަށެވެ. އޭނާ ވިދާޅުވީ އެމްޕީއެލްއަކީ ވިޔަފާރި ކުންފުންޏަކަށް ވިއަސް، އަގުތައް ކަނޑައެޅުމުގައި މިއީ ޢާއްމު ޚިދުމަތެއް ގޮތުގައި ވަރަށް ބޮޑަށް ބަލާފައިވާކަމަށެވެ.

"މިއީ ވިޔަފާރި ކުންފުންނަކަށް ވިޔަސް، ޚިދުމަތުން ފައިދާ ހޯދުމުގެ ބަދަލުގައި ބަލާފައިވާ ޚަރަދުން ދެކޮޅު ޖެއްސޭނީ އަގެއް ނެގުމަށް. ހަގީގަތުގައި ބަސް ރޫޓުވެސް ވަރަށް ދިގު. 40 މިނެޓުން 9 ބަސް ސްޓޮޕަށް ކައިރިކޯށް ދަތުރު އެއްކޮށް ނިންމާލެވެނީ. ހުޅުމާލެއަށް ގޮސް ބޭންނުން ތަނަކަށް ދެވޭ. ވަގުތާއި ބަސް ރޫޓްތަކަށް ބަލާއިރު މިއީ އެކަށީގެންވާ އަގެއް." އެމްޕީއެލްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ ވިދާޅުވިއެވެ.

ބްރިޖުން ހުޅުލެއާއި ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު އެއްގަމު މަގުން ގުޅާލުމުގެ ކުރީގައި އެ ދެމެދުގައި ދަތުރުފަތުކުރުކުރުމަށް ބޭނުންކުރީ ފެރީއެވެ. އެގޮތުން އާދައިގެ ފެރީއިން ދަތުރަކަށް 5 ރުފިޔާ 50 ލާރި ނަގަމުން އައިއިރު، އޭސީ ފެރީއިން ނަގަމުން އައިސްފައިވަނީ 10 ރުފިޔާއެވެ. އެމްޓީސީސީއިން ދެމުން އަންނަ ފެރީގެ ޚިދުމަތުގެ ޑިމާންޑް ކުޑަވުމާއި ގުޅިގެން، އެމްޓީސީސީއިން މިހާރު ދެމުން އަންނަނީ އޭސީ ފެރީގެ ޚިދުމަތް އެކަންޏެވެ. އެހެންކަމުން މިހާރު ހަމަޖެހިފައިއޮތް ގޮތުން ޕަބްލިކް ޓްރާންސްޕޯޓް މެދުވެރިކޮށް މާލެއިން ހުޅުމާލެއަށް އަދި ހުޅުލެއަށް ދެވޭނެ އެންމެ ކުޑަ އަގަކީ 10 ރުފިޔާއެވެ.