ޚަބަރު

މާލޭ ބަސް ސްޓޮޕްތައް ހިޔާކުރަނީ


މާލޭގައި ހަދާފައިވާ ބަސް ސްޓޮޕްތަކުގައި އާންމުންނަށް މަޑުކޮށްލެވޭނެ ފަސޭހަ އިންތިޒާމެއް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޤާއިމްކޮށްދޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ބުނެފިއެވެ.

މާލެއާއި ހުޅުމާލެއާއި ހުޅުލެއަށް ދެމުންދާ ބަހުގެ ޚިދުމަތާ ބެހޭގޮތުން، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖަރ އިބްރާހިމް މައުމޫން ވިދާޅުވީ، ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށްއޮތް ހަފްތާގައި ނިމޭނެ ކަމަށެވެ. އަދި މި މަސައްކަތާއެކު ބަސް ދަތުރުކުރާ ރޫޓާއި ގަޑިތައްވެސް ފަސޭހައިން އާންމުންނަށް ފެންނާނެހެން ބަސް ސްޓޮޕްތަކުގައި ބަހައްޓާނެކަމަށެވެ.

މިހާރު މާލޭގައި ޤާއިމް ކޮށްފައިވާ، ގްރޭޓަރ މާލެ ބަސް ޓަރމިނަލް ނުވަތަ މާލޭގެ މައި ބަސް ޓަރމިނަލް ފިޔަވައި އެހެން ބަސް ސްޓޮޕްތަކުގައި އާންމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާފައެއް ނުވެއެވެ. އަދި ބަހައް އެރުމުގައިވެސް ވަކި ތަރުތީބެއް ނުވަތަ ކިއު މެނޭޖް ކުރާނެ ގޮތެއްވެސް ހަމަޖެހިފައެއް ނެތެވެ.

މިކަމާ ބެހޭގޮތުން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙްޖޫބް ވިދާޅުވީ، ބަސް ސްޓޮޕްތަކުގައި ކިއު މެނޭޖް ކުރެވޭނެ ގޮތެއް އަދި ހަމަޖައްސާފައި ނެތް ނަމަވެސް ބަހަށް އެރުމުގައި ކުޑަކުދިންނާއި އަންހެނުންނަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބަހުގައި ދަތުރުކުރާއިރުވެސް މިކަމަށް ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބަސް ސްޓޮޕްތަކުގައި މަޑުކޮށްލައިގެން ތިބެންޖެހޭ ވަގުތު ކުޑަކުރުމުގެ ގޮތުން އިތުރު ބަސްތަކެއް އޮޕަރޭޝަނަށް ނެރެ ޚިދުމަތްދެމުންދާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އަދި މިއީ އާންމު ޚިދުމަތެއްކަމުން، އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.