ވިޔަފާރި

ގެމަނަފުށި މަސްވެރިންގެ ޖަމުޢިއްޔާ ރީ-ބްރޭންޑްކޮށްފި


ގެމަނަފުށި މަސްވެރިންގެ ޖަމުޢިއްޔާގެ ނަން، ދިވެހި މަސްވެރިންގެ ޖަމުޢިއްޔާގެ ނަމަށް ރީ-ބްރޭންޑްކޮށްފިއެވެ.

ދިވެހި މަސްވެރިންގެ ޖަމުޢިއްޔާގެ ނަމަށް ރީބްރޭންޑް ކުރުމަށްފަހު އެންމެ ބޮޑު އިސްކަމެއްދޭނީ ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަން، ރާއްޖެއިން ބޭރުގައި އިސްތިހާރު ކުރުމަށްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ޚާއްސަކޮށް، ޕޯލް އެންޑް ލައިން ނުވަތަ ދޮށީގެ މަސްވެރިކަމަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ މަސްވެރިކަން ކަމަށް ވުމާއިއެކު، އެހެން ޤައުމުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ވިސްނުން އެ ޖަމުއިއްޔާއިން ގެންގުޅޭކަމަށް އެޖަމުޢިއްޔާގެ ރައީސް އަހުމަދު ޝާފިޢު ވިދާޅުވިއެވެ. އެގޮތުން މިއަހަރު ބައިނަލްއަޤްވާމީ ޙަރަކާތެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ މަސްވެރިންނާއި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް، އެ ޖަމުޢިއްޔާގެ މެންބަރަކަށް ވުމުގެ ފުރުޞަތު މިހާރުވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. މިއާއިއެކު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް އެ ޖަމުޢިއްޔާގެ ވެބްސައިޓް މެދުވެރިކޮށް މެންބަރަކަށް ވެވޭނެ ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. އަދި މަސްވެރިން ތަމްރީނު ކުރުންފަދަ ގިނަ ފުރުޞަތުތަކެއް ކުރިއަށް އޮތް ތަނުގައި އެ ޖަމުޢިއްޔާގެ ފަރާތުން މެންބަރުންނަށް ހުޅުވާލާނެ ކަމަށްވެސް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

ގެމަނަފުށި މަސްވެރިންގެ ޖަމިއްޔާ ނުވަތަ މިހާރުގެ ނަމުން ނަމަ ދިވެހި މަސްވެރިންގެ ޖަމިއްޔާއަކީ ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ތަފާތު ކަންތައްތައް ޕްރޮމޯޓު ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއަކީ ގއ ގެމަނަފުށްޓަށް ނިސްބަތްވާ ޒުވާން މަސްވެރިންތަކެއް އުފައްދާފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ޚާއްސަކޮށް މީސްމީޑިއާ މެދުވެރިކޮށް މަސްވެރިކަން އިސްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ޖަމިއްޔާއިން ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.