ޚަބަރު

ރާއްޖެއިން ޑެންގީ ހުން އެއްކޮށް ނައްތާލެވިދާނެ - ހެލްތް މިނިސްޓަރ


ޑެންގީ ހުން ޖައްސާ މަދިރި މުޅިރާއްޖެއިން ނައްތާލެވިދާނެ ކަމަށް މިިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ޤަވައިދުން ހިންގުން ތަންފީޒު ކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ބުރަ މަސައްކަތުން ފައިލޭރިއާއާއި މެލޭރިއާ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށެވެ. އެހެންކަމުން ޑެންގީހުން ފަތުރާ މަދިރި ދިވެހި މުޖުތަމައުން ނައްތާލެވިދާނެކަން ޔަޤީން ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
"މިއަދު މިކަން މިނިސްޓްރީން މި ފެށީ ވަރަށް ބޮޑު އަމާޒަކާ އެކީ. މިނިސްޓްރީގެ އަމާޒަކީ މުޅި ރާއްޖެއިން ޑެންގޫހުން ޖައްސާ ބާވަތުގެ މަދިރި ނައްތާލުން"
މަދިރި ނައްތާލުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ މިކަމަކީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުން ކުރާ މަސައްކަތުން އެކަނި ހައްލުކުރެވޭނޭ ކަމެއް ނޫންކަމަށާއި، މިކަން ކާމިޔާބުކުރުމަށް މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާކަމަށެވެ.

މިކަމާގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސީޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލޭގައި މަދިރި އާލާވާ ގިނަ ތަންތަން ހުރިކަން ސިޓީ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ. ސާފުތާހިރުކަން ނެތް ތަންތަނާއި، މަދިރި އާލާވާގޮތަށް އާންމު ފަރާތްތަކުން ތަންތަން ބަހައްޓާނަމަ ސިޓީ ކައުންސިލުން އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި މަދިރިއާއި، ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުންވެސް ތިމާވެއްޓާ ގުޅުންހުރި ތަފާތު ގިނަ މަސައްކަތްތައް ސަރުކާރުން ވަނީ މުޅިން އަލަށްފަށައި، ތަންފީޒުކުރަން ފަށާފައެވެ.