ޚަބަރު

ރައީސް ޔާމީނަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އާޒިމާ ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފި


ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން އެމަނިކުފާނުގެ ޤާނޫނީވަކީލު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ފުލުހުންގެ އޮފީހަށް ޙާޒިކުރުކޮށް ސުވާލުކޮށްފިއެވެ.

އާޒިމާ ޝަކޫރު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށް ސުވާލުކޮށްފައިމިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ ސަރުކާރުގެ ބައެއް އިސްވެރިން ހިމެނޭ ކަމަށާއި އެބޭފުޅުންގެ މައްސަލަތައްވެސް ބައްލަވާނެކަމަށް ސަރުކާރުން ވިދާޅުވެފައި ވަނިކޮށެވެ. އެހެން ނަމަވެސް މަނީ ލޯންޑަރިންގެ މައްސަލާގައި އާޒިމާ އަށް ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް ނޭނގެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކާގުޅީގެން ސުވާލު ކުރެއްވުމަށް މިމަހުގެ 15ވަނަ ދުވަހު އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެކެވެ. އެއާއެކު އެ މައްސަލަތަކުގެ ތަހުގީގަށް ރައީސް ޔާމީންގެ އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފައެވެ.

ފުލުހުންގެ އިދާރާއިން ގެންގުޅޭ އުސޫލުގައިވާ ގޮތުން ޖިނާއީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ ފަރާތަކީ ޤާނޫނީ ވަކީލެއް ނަމަވެސް އެމީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެހެން މީހެއްގެ ވަކީލެއްގެ ދައުރު އޭނާއަށް އަދާ ނުކުރެވޭނެއެވެ. އެހެން ކަމުން ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި އާޒިމާއަށް ދެން ފުލުސް އޮފީހަށް ވަޑައިނުގަނެވޭނެކަމަށް ބެލެވެއެވެ.