ޚަބަރު

ކޯޓުތަކާ ގުޅޭގޮތުން ސުޢޫދު ދެއްކެވި ވާހަކަފުޅުތަކާމެދު ކަންބޮޑުވޭ - އެމްޑީޕީ


ރާއްޖޭގެ ޝަރުޢީ ކޯޓުތަކަމާމެދު މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުޢޫދު ދެއްކެވި ވާހަކަތަކާމެދު ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ކޮމިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓަށް ވިޔަފާރިވެރިންނާއި ގޭންގުތަކުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށާ ގޭންގުތަކުން ބޭނުންވާފަދަ ފަނޑިޔާރުން ކޯޓްތަކަށް ޢައްޔަންކޮށްފައި އެބަތިބިކަމަށެވެ.

މީގެ އިތުރުން މަރުގެ ބައެއް ކަހަލަ މައްސަލަތަކުގައި ގޭންގްތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ބައެއް މުވައްޒަފުންނާއި ފަނޑިޔާރުން ބައެއް ކަހަލަ ކުށްތައްކޮށްފައިވާ މީހުން ދޫކޮށް، ބައެއް މައްސަލަތައް ވަކިބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވައިފައިވާ ކަމަށްވެސް ޙުސްނުއްސުޢޫދު ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން އެގޮތުގައި ބައިތިއްބައިގެން ރައްޔިތުންނަށް އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ފަނޑިޔާރުންގެ ސެކިޔުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައިވާކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ އެ ކަންކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ޢަދުލު އިންސާފު ޤާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

އަދި ރާއްޖޭގެ ކޯޓުތަކުގެ އިންސާފެއް ނެތްކަމާއި އެ ކޯޓުތަކުން ރައްޔިތުންގެ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުންދާކަން ރާއްޖޭގެ ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެ އިއްތިފާޤުވަމުންދާއިރު، ސުޢޫދުގެ ވާހަކަތަކަކީ އެކަމުގެ ތެރެއަށް އިތުރުވި ބިރުހުރި މަޢުލޫމާތެއްކަމަށް އެމްޑީޕީގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

އެމްޑީޕީންގެ ބަޔާނުގައިވަނީ ރައްޔިތުންގެ ޙައްޤުތައް ދިފާޢުކޮށް، ޤާނޫނީ ބާރުވެރިކަން ނަގަހައްޓައި ޑިމޮކްރަސީއާއި ހަމަޖެހުން ޤާއިމުކުރެވެން އޮތީ، ދިވެހި ރައްޔިތުންނާއި ބައިނަލްއަޤުވާމީ ދުނިޔެއިން ތަކުރާރުކޮށް ގޮވާލަމުން ގެންދާ ކަންކަން އިސްލާޙްކޮށް، ކޯޓުތަކާއި ޝަރުޢީ ނިޒާމު އެފަދަ ނުރައްކާތެރި ކަންތައްތަކުން ސަލާމަތްކޮށް، މިނިވަންކޮށްގެންކަމަށެވެ.