ޚަބަރު

އަތޮޅުތެރޭގައި ހުރި ފްލެޓްތައް ހަވާލުކުރާނީ ދިރިއުޅެވޭވަރު ކޮށްފައި - ހައުސިންގ


އަތޮޅުތެރޭގައި އަޅާފައިވާ ފްލެޓްތައް ހަވާލުކުރާނީ ޔުޓިލިޓީތައް ގުޅައި، ފްލެޓްތަކުގައި އުޅެވޭނެވަރު ކޮށްފައިކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހަވާލުނުކޮށްހުރި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހަދާ ނިމި، ހަވާލުނުކޮށް ހުރި ފްލެޓްތައް ޙައްޤުވާ ފަރާތްތަކާ ހަވާލުކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވަލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދު ވިދާޅުވި، ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިންގ ޔުނިޓްތަށް އިމާރާތްކޮށް ނިންމާފައިވާއިރު، މީގެތެރެއިން ގިނަ ތަންތަނުގައި އަސާސީ ބައެއް ޚިދުމަތްތައްކަމަށްވާ ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ސަރުކާރުގެ ވައުދު ފުއްދުމަށް ނަމެއްގައި ބޭނުންނުކުރެވޭގޮތަށްހުރި ތަނެއް ހަވާލުކުރުމުގެ ބަދަލުގައި އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުމަށްފަހު އެ ހައުސިންގ ޔުނިޓްތައް ހަވާލުކުރާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރީގެ ސަރުކާރުން މީގެތެރެއިން ބައެއް ޕްލެޓްތައް ލިބޭ މީހުން ކަނޑައަޅާފައިވާއިރު، ރަށު ކައުންސިލަށް އަންގާފައި ނުވާކަމަށާއި، މި ސަރުކާރުން ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރާނެކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދު ވިދާޅުވިއެވެ.

"ހައުސިން ޔުނިޓްތައް އެ ރަށެއްގެ ކައުންސިލްތަކުން ރިވިއުކުރުމަށްފަހު ހައްޤުވެރިފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތްކުރާނީ އަޅުގަނޑުމެންނާ ގުޅިގެން. އަޅުގަނޑުމެން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނީ. މައިގަނޑު ޒިންމާ ހަވާލުކުރާނީ އަޅުގަނޑުމެން ކައުންސިލްތަކާ. ފާހަގަކޮށްލަންޖެހޭ ގދ. މަޑަވެލި، ގދ. ތިނަދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ހައުސިންގ ޔުނިޓްތައް ނިންމާ ހައްޤުވެރިފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރަމުން މިދަނީ." އަޙްމަދު ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝާމިން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމަށް ޓަކައި، ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި "ހައުސިންގ ނީޑް އެސެސްމެންޓެއް" ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި މަސައްކަތް ނިމުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ފްލެޓްތައް އަޅައި، ވަސީލަތްތައް ފުރިހަމަ ކުރެވޭނެކަމަށާއި، މިއާއެކު މާލެ ސިޓީ ތޮއްޖެހުމުގެ މައްސަލައަށްވެސް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަމަށް އޭނާ ވިދާޅުވިއެވެ.

"ހައުސިންގ ނީޑް އެސެސްމަންޓް ހެދުމުން މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަވާނެ. ރައްޔިތުން މާލެ ސިޓީއަށް އަންނަނީ ކޮންމެހެން މާލެ ސިޓީވެގެނެއް ނޫން. އެއީ މި ސަރަހައްދަކީ ހުރިހާ ވަސީލަތްތަކެއް ލިބެން ހުންނަ ތަން ކަމުގައި ވާތީ. އަޅުގަނޑުމެންގެ އަމާޒަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން މިކަން ބަދަލުކޮށް ވަސީލަތްތަށް ނެތް ތަންތަނުގައި އެކަންކަން ފުރިހަމަކުރުން. އެކަން ކުރެވޭނީ ހައުސިންގ ނީޑް އެސެސްމަންޓް ހަދާ ނިމުނީމަ." ޢަލީ ޝާމިން ވިދާޅުވިއެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ޢަދަދު ކައުންސިލްތައް މެދުވެރިކޮށް އޮޅުންފިލުވައި މުޅި ރާއްޖޭގައި ހައުސިންގ ނީޑް އެސެސްމެންޓެއް ހަދައި، އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.