ޚަބަރު

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެދުމުން ޤާނޫނީ ބާރުވެރިކަން ލިބިއްޖެ - ހިސާން


ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމަންޓް އޮޓޯރިޓީއާއިއެކު ކާރިސާތަކުގެ ކަންކަން ބެލެހެއްޓުމުުގެ ޤާނޫނީ ބާރުވެރިކަން ލިބިގެންދިއުމަކީ މަސައްކަތްތައް ކުރުމުގައި ލިބުނު ލުއިފަސޭހައެއްކަމަށް އެންޑީއެމްއޭގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ޙަސަން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އުވާލައި، ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމާބެހޭ ޤާނޫނުގެދަށުން އުފައްދަންޖެހޭ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އުފައްދަވާފައެވެ. މިކަމާ ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ޙަސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި މި ނިންމެވުމަކީ ކާރިސީ ހިރާސްތައް ކުޑަކުރުމާއި، ކާރިސާގެ ކަންކަން ކުރިއަށްވުރެ ބޮޑަށް ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މިއީ ކާރިސާއާބެހޭ ކަންކަން ބަލަހައްޓާ ގުނަވަނަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދިޔަ ނިންމެވުމެއްކަމަށް ހިސާން ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު ކާރިސާއެއްގެ ހާލަތެއް ދިމާވެއްޖެނަމަ ރައްކާތެރިވެވޭނެގޮތައް އެމަޝްރޫޢުތައް ބައްޓަންކުރުމަށް އަލަށް އުފެއްދެވި އޮތޯރިޓީ މެދުވެރިކޮށް ބާރުއެޅޭނެކަމަށާއި، މިއީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށްހުރި ނުރައްކާތަކުން ސަލާމަތްވުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މިދާއިރާގައި އާންމުން ހަރަކާތްތެރިވުން އިތުރުކޮށް، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އަލަށް އުފެއްދެވި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ތެރެއިން މަސައްކަތް ކުރައްވާނެކަމަށް ހިސާން ވިދާޅުވިއެވެ.