ރަޙުމް ކުޑަގޮތަކަށް މަރާލާފައިވާ ޑރ.އަފްރާޝީމް ޢަލީ އާއި އަޙްމަދު ރިޟްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައް ހިނގާފައިވާ ގޮތް އަންދާޒާކުރެވޭ ވަރަށް މަޢުލޫމާތު ލިބިފައިވާކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ހާމަކޮށްފިއެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ބޭއްވެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވީ، މިހާތަނަށް އެކޮމިޝަނުން ކުރެއްވި މަސައްކަތުން، ޑރ.އަފްރާޝީމް ޢާލީއާއި އަހްމަދު ރިޟްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކާގުޅޭ ގިނަ މަޢުލޫމާތުތަކެއް އެއްކުރެވިފައިވާކަމަށެވެ. އަދި ދައުލަތުގެ ކަންކަމާގުޅުން ހުރި މުއައްސަސާތަކުގެ ތެރެއިން ކޮމިޝަނުން މަޢުލޫމާތު ހޯދަން އެދުނު މުއައްސަސާތަކުން، ޚާއްސަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިމައްސަލަތަކާ ގުޅޭ މުހިއްމު މަޢުލޫމާތުތައް ޙިއްސާކުރައްވާފައިވާކަން ހުސްނުއްސުޢޫދު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށްގިނަ މީހުން ހާޒިރުކުރެވިއްޖެ. އެހެންވީމަ އެބަޔާންތަކުގެ އަލީގައި ނުވަތަ ދެއްވި މަޢުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް މުޅި މައްސަލައިގެ އޯވަރރޯލް ވެފައޮތްގޮތް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވޭ ވަރުގެ މަޢުލޫމާތު ތަކެއް ލިބިއްޖެއަލްއުސްތާޛު ޙުސްނުއަސުޢޫދު
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސުޢޫދު ވިދާޅުވީ، މިހާތަނަށް ލިބުނު މަޢުލޫމާތުތަކާއި ބެލި ބެލުމުން ޑރ.އަފްރާޝީމް ޢަލީއާއި އަހްމަދު ރިޟުވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކުގައި އެއްމައްސަލަ އަނެއް މައްސަލައާ ގުޅިފައިވާކަމަށް ބެލެވޭކަމަށެވެ. އަދި އެމަރުތަކާގުޅިގެން ސިލްސިލާގޮތެއްގައި ހެކި ފޮރުވުމަށް އެހެން މަރުތަކެއް މެދުވެރިކޮށްފައި ހުރިކަމުގެ ވާހަކަ ދެކެވޭތީއާއި އެފަދަ މަޢުލޫމާތުތަކެއްގެ ތުހުމަތު ކުރެވޭތީ ކޮމިޝަނަށް ހުށަހަޅާފައިވާ ހެކިތަކުގެ އަލީގައި ފުލުހުންނަށް ހުށައަޅައިގެން ގުޅުންހުރިތޯ ކޮމިޝަނުންވެސް ބަލާފައިވާކަމަށެވެ. ނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދައިގެންކަމަށާއ، އެކަމާ ގުޅޭގޮތުން އެކިގޮތްގޮތަށް ވާހަކަދެކެވޭކަމެއްގައި މަރުގެ މައްސަލަތައް ބަލާކޮމިޝަނުން އެކަނި ގޮތެއް ނުނިންމަވާނެކަމަށް ހުސްނުއްސުޢޫދު ވިދާޅުވިއެވެ.
ހުސްނުއްސުޢޫދު ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކުން މަރުތަކުގެ މައްސަލަތަކާގުޅޭގޮތުން ދައްކަވަނީ ޤާނޫނީ ގޮތުން މާބޮޑު ބުރަދަނެއް ހުރި ވާހަކަޔަކެއް ނޫންކަމަށާ، މަރާލާފައިވާ މީހުންގެ އާއިލާތަކުގެ އިޙްސާސްތަކަށް އިހްތިރާމް ކުރުމެއްނެތި ސިޔާސީ ފަރާތްތަކުން އެފަދަ ވާހަކަތައް ޕޯޑިއަމްތަކަށް އަރައި ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.
ހުސްނުއްސުޢޫދުގެ ވާހަކަފުޅުގައި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަޙްޤީގުތައް ނިންމައި ޝަރުޢީ މަރުހަލާއަށް ފޮނުވިކަމުގައި ވީނަމަވެސް ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މައްޗަށް އޮތް އެކިއެކި ފަރާތްތަކުގެ ނުފޯޒުގެ ސަބަބުން ކޮމިޝަނުން ކުރާ މައްސައްކަތަކީ ނަތީޖާ ނުނުރެވިދާނެ ފަދަ މައްސަލަތަކަށްވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތްކަމަށެވެ. އެހެންކަމުން ފަނޑިޔާރުންގެ މައްޗަށް ހުރި ނުފޫޒުތަކެގެ ގޮތުގައި ތަފާތު ކަންތައްތަކެއް ފާހަގަކުރައްވަމުން ހުސްނުއްސުޢޫދު ވިދާޅުވީ އެފަދަ ނުފޫޒުތައް ހުރި ފަނޑިޔާރުންނާމެދު ގޮތެއް ކަނޑައަޅަން ޖެހޭކަމަށެވެ. އެކަން ޖުޑީޝަލްސަރވިސްކޮމިޝަނުން ކުރައްވާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ހުސްނުއްސުޢޫދު ވިދާޅުވިއެވެ.