ޚަބަރު

އެންޑީއެމްސީ އުވާލައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ރައީސް އުފައްދަވައިފި


ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އުވާލައި، "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވައިފިއެވެ.

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމާބެހޭ ޤާނޫނުގެދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެދަށުން، މިއަދުން ފެށިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އުވާލައި، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ. މި އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. މިގެނައި ބަދަލާއެކު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ މުދަލާއި، ވަސީލަތްތަކާއި، މުވައްޒަފުންނާއި، އެފަރާތްތަކުގެ އެންމެހައި ޙައްޤުތަކާއި އިލްތިމާޒްތައް، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެދަށް ވަނީ ބަދަލުކުރައްވާފައެވެ.

ކާރިސާތަކުން އާއްމު ރައްޔިތުންނާއި މުދަލަށް ލިބޭ ގެއްލުން ކުޑަކޮށް، ކާރިސާގެ ވަގުތުގައި އަޅާ ފިޔަވަޅުތައް އަވަސްކުރުމާއި، ކާރިސާއިން ރައްކާތެރިވުމުގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއް އެކުލަވާލައި، އެކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީއެއްވެސް ވަރަށް އަވަހަށް އުފައްދަވާނެކަމަށް ރައީސްވަނީ ވިދޅުވެފައެވެ. އަދި ހާދިސާތަކުގައި ހާލުގައިޖެހޭ އާއިލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ކޮންމެ އަތޮޅެއްގައި ހަމަޖައްސަވައި ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް ރައީސުލްޖުމްހުރިއްޔާ އުފައްދަވަންޖެހެއެވެ. ނަމަވެސް މިހާތަނަށް އެއޮތޯރިޓީގެ މަސައްކަތް ކުރަމުންދިޔައީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންނެވެ.