ޚަބަރު

ބިދޭސީންނަށް ސިއްޙީ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަސައްކަތް ކުރާ މާޙައުލުގެ ސާފުރާހިރުކަމާއި، މައްސައްކަތްތެރިންގެ ސާފުތާހިރުކަމަށް ސަމާލުކަންދިނުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީންނަށް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ސިޓީ ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، މޯލްޑިވްސް ރެޑްކްރަސެންޓް ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

މިސެޝަނާ ގުޅޭ މަޢުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސެލަރ އަޒްރާ މޫސާ ވިދާޅުވީ މި ސެޝަންގަައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ސާފުތާހިރުނުވުމުގެ ސަބަބުން ޖެހޭ ބަލިތަކާއި، މަދިރި އާލާވުމުގެ ސަބަބުން ޖެހޭ ޑެންގީފަދަ ބަލިތަކުން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކަށްކަމަށެވެ. އަޒްރާ ވިދާޅުވީ ބިދޭސީންނަށް އަމާޒުކޮށްގެން މިފަދަ ސެޝަނެއް ބޭއްވީ، މި ފަރާތްތަކަކީ މަގުމައްޗާއި މީހުންގެ ތެރެއަށް ނިކުމެ މަސައްކަތް ކުރާ ފަރަތްތަކަށްވާތީކަަމަށެވެ.

"މަގުތަކުގެ ކާނުފަދަ ތަންތަން ސާފުކުރުމަކީ ރޯގާއާއި، ބޭރަށްހިންގުންފަދަ ބަލިތައް ޖެހުމަށް މަގުފަހިވާކަމަކަމެއް. މިކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތު ވަނީ ދީފައި. އަދި ރެޑްކްރަސަންޓުންވަނީ މުޢައްޒަފުންނަށް ޓީޝާޓާއި، ސެނަޓައިޒަރ ހަދިޔާކޮށްފައި."

މި ސެޝަންގަައި 180 އަށްވުގެ ގިނަ ބިދޭސީ މުވައްޒަފުން ބައިވެރިވެފައިވެއެވެ. ސެޝަންގައި ބަލިތަކުން ސަލާމަތްވުމަށް ދިރިއުޅޭ މާޙައުލުގައި މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލުމާއި، އަމިއްލަ ސާފުތާހިރުކަމާއި، ބަލިތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވަނީ މަޢުލޫމާތު ދީފައެވެ. މި ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ ބިދޭސީންނަށް ފަސޭހައިން ދޭހަވާގޮތަށް އެމީހުން އާއްމުކޮށް ވާހަކަދައްކާއުޅޭ ބަހުރުވައިނެވެ. ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ މޯލްޑިވްސް ރެޑްކްރަސްންޓާއި، އެޗްޕީއޭގެ މުވައްޒަފުންނެވެ.

ސިޓީި ކައުންސިލުން ބުނެފައިވަނީ ޖެނުއަރީ މަހު ސިޓީކައުންސިލްގައި މަސައްކަތްކުރާ ބިދޭސީންނަށް ޢަމާޒުކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.