ޚަބަރު

އެންމެ ބޮޑެތި ބޯޓުފަހަރަށް ބަނދަރުކުރެވޭވަރުގެ ފާލަމެއް ވީއައިއޭ ގައި ހަދަނީ


އާ ފިއުލް ފަރމާއިއެކު އެންމެ ބޮޑެތި ކަނޑު ބޯޓުފަހަރަށް ބަނދަރުކުރެވޭ ފެންވަރުގެ ފާލަމެއް، ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓްގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

މިފާލަން ނުވަތަ ޑޮކް ހެދުމުގެ މަސައްކަތް އަންނަ މާޗް މަހު ފަށާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރަން ނިންމާފައިވާ ފާލަމަކީ އެންމެ ބޮޑެތި ބޯޓުފަހަރު ކައިރިކޮށް، މުދާ ބޭލޭނެގޮތަށް ތައްޔާރުކުރާ ފާލަމެކެވެ. އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ މުޙައްމަދު ނިޔާޒު ވިދާޅުވީ މި ޖެޓީއާއެކު ކުދި ބޯޑުތަކުގެ ބަދަލުގައި ބޮޑެތި ބޯޓުފަހަރުގައި ތެޔޮ ގެނެވޭނެކަމަށެވެ. މިއާއެކު ތެޔޮ ގެނައުމަށްކުރާ ހޭދަ ކުޑަވެގެންދާނެކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. އަދި ފާލަން ހަދާ ސަރަޙައްއްދުގައި ފަޔަރ ފައިޓިންގ ސިސްޓަމެއް ހެދުމަށްވެސްވަނީ ނިންމާފައެވެ.

މި ފާލަމަކީ ފިއުލް ފަރމްގެ މަސައްކަތާ ގުޅުވައިގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތްތައް ފުޅާކުރުމަށް ހަދާ ފިއުލް ފަރމަކީ މިހާރު އެއަރޕޯޓުގައި ހުރި ފިއުލް ފަރމަށްވުރެ ތިންގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭނެ ނިޒާމެކެވެ. ފަނަރަހާސް އަކަ މީޓަރުގެ ތިން ޓޭންކް، ބަހައްޓާފައިވާއިރު ތިން ޓޭންކްގެ މަސައްކަތްވެސް މިހާރުވަނީ ނިމުމަކާއި ގާތްވެފައެވެ. ފިއުލް ފަރމް ތަރައްޤީކުރަނީ މުސްތަޤުބަލުގައި ޑިމާންޑް އިތުރުވާނެކަމަށް ބަލައި އިތުރު ދެ ޓޭންކް ބެހެއްޓޭގޮތަށެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ މުޙައްމަދު ނިޔާޒު ވިދާޅުވީ މިހާރު ފިއުލް ބައުޒަރތަކުގައި ފްލައިތްޓަކަށް ތެޔޮއަޅަން ގެންދަންޖެހުމުގެ ސަބަބުން އެކަމުގެ ދަތިކަން ކުރިމަތިވާކަމަށެވެ. އެގޮތުން ބޮޑެތި ބޯޓުފަހަރަށް ތެޔޮއެޅުމަށް އެއަރޕޯޓުގައި ބޭނުންކުރާ ފަންސާސްހާސް ލީޓަރުގެ ބައުޒަރ ދެ ދަތުރުކުރަންޖެހޭކަމަށެވެ.

ނަމަވެސް އާ ފިއުލް ފަރމާއެކު ހަދާ ފިއުލް ހައިޑްރެންޓް ނެޓްވޯކާއެކު، މުޅި އެއަރޕޯޓުގެ އެކި ސަރަޙައްދުތަކަށް ތެޔޮ ފޯރުކޯށްދޭ ނިޒާމު އެއްވިއުގައަކުން ގުޅާލާނެއެވެ. އެގޮތުން ވީއައިއޭގެ ފްލައިޓްތަކާއި، ސީޕްލޭންތަކަށް އުޅަނދު އޮންނަ ތަނަށްގޮސް ހޮޅިއެއް ބޭނުންކޮށްގެން ތެޔޮއެޅުމުގެ ޚިދުމަތްދޭނެއެވެ.

އެއަރޕޯޓްގައި އަލަށްހަދާ ފަޔަރ ސްޓޭޝަންގެ ގިނަ މަސައްކަތްތައްވެސް މިހާރުވަނީ ނިމިފައެވެ. އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އިންފްރާސްޓްރަކްޗްރ ޑިވެލޮޕްމަންޓް މުޙައްމަދު ޞަލާޙް ވިދާޅުވީ ފަޔަރ ސްޓޭޝަނުގެ މަސައްކަތްތަކުގެތެރެއިން މިހާރު ނުނިމިވަނީ ބޭނުންވާ އިކުއިޕްމަންޓްތައް ރޭވުމުގެ މަސައްކަތްތައްކަމަށެވެ.

ފަޔަރ ސްޓޭޝަންގެ މަސައްކަތް އަންނަ އޭޕްރިލްމަހަށް ނިންމުމަށްޓަކައި ދަނީ މަސައްކަތްކުރަމުންނެވެ.
ފިއުލްފާމާއި، ފިއުލް ހައިޑްރެންޓް އެޅުމުގެ މަސައްކަތް އޮގަސްޓްމަހު ނިންމުމަށްދަނީ މަސައްކަތް ކުރަމުންނެވެ.