ޚަބަރު

އައު ސީޕްލޭން ޓަރމިނަލް އަންނަ ސެޕްޓެމްބަރު މަހު ބޭނުންކުރަން ފެށޭނެ- އެމްއޭސީއެލް


ހުޅުލޭގައި ތަރައްޤީކުރާ އައު ސީޕްލޭން ޓާރމިނަލްގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގައި އައު ސީޕްލޭން ޓާރމިނަލްއެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ހިންގަމުންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.

މި އަހަރުގެ ނިޔަލަށް ސީޕްލޭން ޓާރމިނަލް ނިންމާލެވޭނެކަމަށް ކުރިން އެމްއޭސީއެލުން ބުނި ނަމަވެސް މި ޓާރމިނަލްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމި ބޭނުންކުރަން ފެށޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

28،000 ސްކެއާރ މީޓަރުގެ ޖާގައެއް ހިމަނައިގެން ތަރައްޤީކުރަމުންދާ މި ޓާރމިނަލްގެ ފައުންޑޭޝަން މަސައްކަތްތައް ނިމި މިހާރު ކުރިއަށްދަނީ އިމާރާތްކުރުމުގެ މަސައްކަތެވެ. ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އެމްއޭސިއެލްގެ އިންފްރާ ސްޓަރކްޗަރ ޑިވެލޮޕްމެންޓް ޖެނެރަލް މެނޭޖާރ މުޙައްމަދު ޞަލާޙް ވިދާޅުވީ ސީޕްލޭން ޓާރމިނަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި އަންނަ ޖޫންމަހު ޓާރމިނަލްގެ އޮނިގަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި ޓާރމިނަލްގެ އެތޭރޭގެ ކަންކަން ނިންމައި ޓާރމިނަލް ބޭނުންކުރަން ފެށޭނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް ޞަލާޙް ވިދާޅުވިއެވެ.

"ސީޕްލޭން ޓާރމިނަލްގެ ޝެލް އެބަ ނިންމަން ޖޫން ފަހުކޮޅަށް. މިކަން ނިންމީމަ އިންޓީރިއާ ފިޓްއައުޓްސް މިހަދަނީ އޮޕަރޭޓާރސް. އިންޓީރިއާ ފިޓްއައުޓްސް ނިންމާލާފަ ޖުލައި އޮގަސްޓް މަހުގެ ތެރޭގައި މިތަނަށް މޫވް ވެވޭނެކަމަށް މިބަލަނީ. އެހެންނަމަވެސް މި ސަރަހައްދު އެއްކޮށް ނިމި އޮޕަރޭޓްކުރެވޭނެކަމަށް މިބަލަނީ ސެޕްޓެމްބަރު އޮކްޓޯބަރުގެ ހިސާބުގައި 2019 ގެ." ޞަލާޙް ވިދާޅުވިއެވެ.

ސީޕްލޭން ޓަރމިނަލްގެ އިތުރުން އެ ޓަރމިނަލްއަށް ބޭނުންވާ މެއިންޓެނެންސް މަސައްކަތްތަކަށްވެސް ވަނީ ވަކި އިމާރާތެއް ޚާއްޞަ ކޮށްފައެވެ.މި އިމާރާތުގެ ސަބަބުން ސީޕްލޭން ޓާރމިނަލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

" އެއް ބިލްޑިންގްއަކަށް އެބައާދޭ ވަރަށް ގިނަ ސާރވިސަސް. މިހާރު ސީޕްލޭންގެ މަސައްކަތްތައް އެކުރެވެނީ ދެބިލްޑިންގްގައި ވަކިން. މީގެ ތަފާތު ވާނެކަމަކި ކައިރިވެފައި ޑޮކްތައް ވެސް ކައިރީގައި ތިބެފައި ސްޕޭސް އިތުރުވުން. މިހާރު ހެވީ މެއިންޓޭއިނެންސް އެހުންނަނީ ހުޅުލޭގެ ވެސްޓް ސައިޑުގައި. ލައިޓް މެއިންޓޭއިނެންސް މިހުންނަނީ ހުޅުލޭގެ އީސްޓް ސައިޑްގައި. މިހާރު މިވާގޮތުން ހުރިހާ މެއިންޓޭއިނެންސް ފެސިލިޓީއަށް މިވަންނަނީ އެއްތަނަކަށް. އަދި އެހެން އޮޕަރޭޓާރއެއް އައިނަމަ މިސްޕޭސް އެބޭފުޅުންނަށް ވެސް ބޭނުންކުރެވޭނެ." ޞަލާޙް ވިދާޅުވިއެވެ.

އަލަށް ތަރައްޤީކުރާ ސީޕްލޭން ޓަރމިނަލަކީ މިހާރު ބެނުންކުރާ ޓަރމިނަލާ ތަފާތުކޮށް އިމާރާތުގެ ދެފަރާތުންވެސް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރާ ޓާރމިނަލްއެކެވެ. ސީޕްލޭން ޓަރމިނަލް ހެދުމުގެ މަޝްރޫއަށް 50 މިލިއަން ޑޮލަރު ހޭދަވާއިރު މި މަޝްރޫޢުގެ މަސައްކަތް ކުރަނީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓަރކްޝަން ކުންފުނިކަމަށްވާ ބެއިނޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްގެންނެވެ.

އެމްއޭސީއެލްއިން އާ ސީޕްލޭން ޓާރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިވަގުތު ސީޕްލޭން ޓަރމިނަލް އޮޕަރޭޓްކުރަމުންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައެވެ. އެއާރޕޯޓުގެ ސީޕްލޭން ބޭސްއިން ފަސްދޮޅަހަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރަމުންދާއިރު ދުވާލެއްގެ މައްޗަށް 2000 ހަށް ވުރެ ގިނަ މީހުން އެ ޓަރމިނަލުން ޚިދުމަތް ހޯދައެވެ.