ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް "ޕީ.އެން.ސީ"ގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީގެ ދިދައާއި ލޯގޯ ދައްކާލައިފިއެވެ.
ޕީއެންސީގެ ދިދައާއި ލޯގޯ ޢާންމުކުރީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުޞައިން މަނިކް ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމްގެ އިސްފަރާތްތަކުން އުފައްދަން މަސައްކަތް ކުރާ ޕާޓީގެ ދިދައާއި ލޯގޯ ހިމެނޭ ގޮތަށް ނިހާން ކުރެއްވި ޓްވީޓްގައި ވަނީ އާ ޕާޓީގެ ކުލައަކީ އެއީ ކަމަށް ވިދާޅުވެފައެވެ. ނިހާން އާންމު ކުރި ފޮޓޯގައި ވަނީ ޓާކިޝް ބުލޫ ކުލައެވެ.
ނިހާން ކުރެއްވި ޓްވީޓްގައި ޕީއެންސީގެ ދިދައިގެ މެދުގައި އެޕާޓީގެ ލޯގޯ ޖަހާފައިވާއިރު، ކުދިކުދި ތަފާތުތަކެއް ހުރިނަމަވެސް އެ ލޯގޯއިން ފެންނަ ރުކާއި ޕީޕީއެމްގެ ދިދައިގެ މެދުގައި އިންނަ ރުކާއި އެއްގޮތް ސިފަތަކެއް ހުރެއެވެ.
ޕީއެންސީގެ އެއްމެ އިސްފަރާތަކަށް ކުރީގެ ރައީސް ޔާމީން ހުންނެވި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއަށެވެ.
"ޕީ.އެން.ސީ"ގެ ދިދައާއި ލޯގޯ ދައްކާލާފައިވިޔަސް އަދި ރަސްމީކޮށް އެކުލައާއި ލޯގޯ ފާސްކޮށްފައެއް ނުވެއެވެ.
ޕީއެންސީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދިންތާ ގިނައިރުތަކެއްނުވެ، އެޕާޓީން ވަނީ 3000 މީހުން ސޮއިކޮށްފައިވާ ފޯމާއެކު ޕާޓީގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދިފައެވެ. އެހެން ނަމަވެސް އީސީން އަދި އެހުއްދަ ދީފައެއް ނުވެއެވެ.